ސަވާދީއްތަ ދަތުރުގެ ތިންވަނަ އެޑިޝަން މިއަދު ފަށައިފި

ސަވާދީއްތަ ދަތުރުގެ ތިންވަނަ އެޑިޝަން އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބާއްވަމުން އަންނަ "ސަވާދިއްތަ ދަތުރު"ގެ ތިންވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

ސަވާދިއްތަ ދަތުރަކީ ރައްޖޭގައި ބާއްވަމުން އަންނަ ހަމައެކަނި ބައިނަލްއަގުވާމީ ޔޮޓް ރެލީއެވެ. މި ޔޮޓް ރެލީގެ ފުރަތަމަ އެޑިޝަން 2022 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، ދެވަނަ އެޑިޝަން ބޭއްވީ މިދިޔަ އަހަރެވެ.

މި ރެލީ ފެށުމުގެ ގޮތުން މިއަދު ކުޑަގިރީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.

ސަވާދީއްތަ ދަތުރުގެ ތިންވަނަ އެޑިޝަން އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މި ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު ވާހަކަ ދައްކަވަމުން ވަނީ މި ރެލީގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަނީ، ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ދަތުރަކީ އެމްއައިޓީޑީސީއިން ރާއްޖޭގެ ކަނޑުތައް ހުރަސްކޮށް ދަތުރު ކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔޮޓު ދުއްވާ މީހުންނަށް ދައުވަތުދީގެން އެ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދަތުރެކެވެ.

މި ރެލީގެ ފުރަތަމަ ސްޓޮޕެއްގެ ގޮތުގައި ކ. ކުޑަގިރި ވެފައިވާއިރު، މި ރެލީގެ ދެވަނަ ސްޓޮޕަކީ ވ. ފުލިދޫގައެވެ.

ސަވާދިއްތަ ދަތުރުގެ ތިންވަނަ އެޑިޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާޓް" މި ތީމްގެ ދަށުންނެވެ.

މި ފަހަރުގެ ދަތުރުގައި ފުރަތަމަ ފަހަރަށް އީކުއޭޓަރު ހުރަސްކޮށް، ރާއްޖޭގެ ބޮޑު ދެ ކަނޑެއް ހުރަސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދަތުރުގެ ޔޮޓްތައް ޒިޔާރަތްކުރާ ރަށްރަށުން (މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް) ގައިޑުން ތަމްރީނު ކުރުމާއި އެ ރަށްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން، ދަތުރުގެ ތީމާ ގުޅޭ ކުރެހުމުގެ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް