ވޭތުވެދިޔަ ހަތަރު ދައުރު ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު ސިޔާމް މުހައްމަދު, ފަސް ވަނަ ދައުރަކަށް ވެސް އެ ދާއިރާއަށް ކުރިމަތި ލެއްވުމަށް ދާއިރާގެ ރައްޔިތުން އެދެފިއެވެ.
މީދޫ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސިޔާމާއެކު ރޭ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން ރޭ ދ. ބަނޑިދޫ އަދި ހުޅުދެލީގެ އިސް ރައްޔިތުން ވަނީ ސިޔާމާ ބައްދަލު ކުރެއްވުމަށް ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވަރަށް ގިނަ ރައްޔިތުން ވަނީ ގިނަ އިރުތަކެއް ވަންދެން ޚިޔާލު ފާޅުކޮށްފައެވެ.
އެގޮތުން، ބަނޑިދޫ އަދި ހުޅުދެލީގެ ރައްޔިތުން ވަނީ ފަސްވަނަ ދައުރަކަށް މީދޫ ދާއިރާއަށް ކުރިމަތި ލުމަށް ސިޔާމްގެ އަރިހުން އެދިލައްވާފައެވެ. އަދި ސިޔާމަކީ ދާއިރާއަށް މުހިންމު މީހެއް ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ސިޔާމްގެ ފަރާތުން ލިބިފައިވާ އެހީ އާއި ތަރައްގީ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

ބަނޑިދޫ އަދި ހުޅުދެލީގެ އިސް ރައްޔިތުން ސިޔާމާ ބައްދަލު ކުރެއްވުން-- ސަން ފޮޓޯ
"ރައްޔިތުން ފާހަގަކުރެއްވީ މިވޭތުވި 20 އަހަރު ތެރޭގައި ސިޔާމުގެ ފަރާތުން ލިބިފަ ހުރި ބޮޑެތި ކުރިއެރުންތައް. އަދި ހަމައެކަނި އެންމެ ރަށަކަށް ކޮށްދީފައި ހުރި އެހީ ވެސް ބޮޑުކަން ފާހަގަ ކުރެއްވި،" ރޭގެ ޖަލްސާގައި ބައިވެރިވި މީހާކު "ސަން"އަށް ކިޔައިދިނެވެ.
މި ޖަލްސާގައި ސިޔާމް ވިދާޅުވީ، އެ މަނިކުފާން މަޖިލީހަށް ފަސްވަނަ ދައުރަކަށް ކުރިމަތި ލުމާމެދު ގޮތެއް ނިންމާނީ މިރޭ މީދޫ އަދި ރިނބިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށެވެ. އަދި އެ ނިންމުން އިއުލާނު ކުރައްވާނެ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ރައްޔިތުން ފާހަގަ ކުރި އެންމެ މުހިންމު ކަމަކީ ސިޔާމަކީ ދާއިރާ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ މެމްބަރެއް ކަމެވެ.