އެކްސިޑެންޓެއްގައި އަނިޔާވި ނޫސްވެރިޔާ ނާފިޒް އެދެނީ އެހީއަކަށް

ޒުވާން ނޫސްވެރިޔާ ނާފިޒް: އެކްސިޑެންޓެއްގައި އޭނާއަށް ވަނީ އަނިޔާވެފައި --

މިދިޔަ މަހު 30 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި، ޒުވާން ނޫސްވެރިޔާ އަލީ ނާފިޒް އިތުރު ފަރުވާ ބޭނުންވާތީ އެ އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު 30 ގައި ސިނަމާލެ ބްރިޖުން ހުޅުލޭ ކޮޅަށް ފައިބައިގެން ހައިވޭގައި ދަނިކޮށް އޯވަޓޭކްކުރި ސައިކަލެއްގައި ޖެހި ނާފިޒު ވެއްޓި ސީރިއަސް އަނިޔާތަކެއް ބޮލަށް ލިބުނީ މަގުގެ އަރިމަތީގައި ހުރި ދަގަނޑު ފެންސްގައި ޖެހިފައެވެ.

މިހާރު 'ދައުރު' ނޫހުގެ އިސް އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ނާފިޒަށް ފުރަތަމަ ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުގެ އެމަޖެންސީގައެވެ. އޭގެ ފަހުން، އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް، މިހާރު ފަރުވާ ހޯދަމުން އަންނަނީ އެ ހޮސްޕިޓަލުގައެވެ.

އެ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު އޮތް އިރު ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ސީރިއަސް އެހެން މައްސަލަތަކެއް ވެސް ދިމާވިއެވެ. އެހެންވެ، އޭނާއަށް ބޭރުން އިތުރު ފަރުވާ ބޭނުންވާތީ އާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ނޫސްވެރިޔާ ނާފިޒް (ކ): އޭނާގެ ފަރުވާއަށް އެހީތެރިކަމަށް އާއިލާއިން ވަނީ އެދިފައި --

ނާފިޒަކީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ ހުނަރުވެރި ނޫސްވެރިންގެ ތެރެއިން އެކެކެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން ވެސް އޭނާ އަންނަނީ 'ދައުރު'ގައި ވަރަށް ބޮޑެތި ޒިންމާތަކެއް ނަގަމުންނެވެ. ކުރީގެ އެންމެ ބޮޑު ނޫސް 'ހަވީރު'ން ނޫސްވެރިކަން ފަށައި އޭގެ ފަހުން 'މިހާރު'ގައި ވެސް ވަރަށް އުއްމީދީ ނޫސްވެރިއެއްގެ ގޮތުގައި ހަ އަހަރު ހޭދަކުރިއެވެ.

ނޫސްވެރިކަމުގެ އިނާމު ވެސް ލިބިފައިވާ ނާފިޒަކީ ލަންކާއިން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ހުނަރުވެރި ނޫސްވެރިއެކެވެ.

ނާފިޒުގެ ބޭރު ފަރުވާއަށް އެހީތެރިވާން ބޭނުން ފަރާތްތަކުން ތިރީގައި އޮތް އެކައުންޓްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެގޮތުން:

ބީއެމްއެލް - ދިވެހި ރުފިޔާ - 7703499978001 (މަރިޔަމް ސާލިޔާ މުހައްމަދު)

ބީއެމްއެލް - ޑޮލަރު - 7730000481342

comment ކޮމެންޓް