ބާރަށް ދުއްވި ކާރެއް ކޮންޓްރޯލްނުވެ، ފުރޮޅާލައިފި

އެކްސިޑެންޓުވި ކާރު: ކާރު އެކްސިޑެންޓުވީ ކޮންޓްރޯލްނުވެގެން --- ޕޮޓޯ/ އެމްވީކްރައިސިސް

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ހުޅުމާލޭގައި ރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން "ސަން"އަށް މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، ކާރު ފުރޮޅިފައިވަނީ ރޭ 22:30 ހާއިރު ފިތުރޯނުމަގުން ހުޅުމާލެ ދެވަނަ ފިޔަވަށްސަށް ދިޔުމުގެ މަގުމަތީގައި ކޮންޓުރޯލު ނުވެގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި، އެ ކާރު ފިޔަވާ އިތުރު އުޅަނދަކަށް ވެސް ގެއްލުމެއްނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާދިއްތަ ދުވަހު ވެސް ކާރެއް ކޮންޓްރޯލްނުވެ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

އެ އެކްސިޑެންޓުގައި އެ ސަރަހައްދުގައި ހުރި ހަ ސައިކަލަކާއި ކާރަކަށް ވަނީ ގެއްލުންވެފައެވެ.

comment ކޮމެންޓް