މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި މެލޭޝިއާ އިންޓަނޭޝަނަލް ހަލާލް ޝޯކޭސްގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ތަނަކަށްވީ، އިންޑޮނޭޝިއާއާއި ކުވައިތު ފަދަ މުސްލިމުން ގިނަ ގައުމުތަކުގެ ޖަގަހަތަކުގެ ތެރޭގައި ބަހައްޓައިފައިހުރި މުސްލިމުންގެ އާބާދީ މަދު ދެކުނު ކޮރެއާ ތަމްސީލުކުރި ބޫތަށެވެ. އެ ބޫތޫގައި ގިނަ ވައްތަރުގެ ހަލާލު އުފެއްދުންތައް ބަހައްޓައިފައި ހުއްޓެވެ.
"ހަލާލް ފުޑް މާކެޓަކީ މިހާރު ކުރިއެރުމުގެ ފުރުސަތު އެންމެ ބޮޑު އެއް މާކެޓް," ދެކުނު ކޮރެއާގެ ދަނޑުވެރިކަމާއި ކާނާއާއި ބެހޭ ވުޒާރާގެ ފުޑް އެންޑް ރޫރަލް އެފެއާޒްގެ ފުޑް އެކްސްޕޯޓް ޑިވިޝަންގެ ވެރިޔާ ލީ ޔޮންގް ޖިކް ވިދާޅުވިއެވެ.
ފިލްމާއި ޓީވީ އަދި ޕޮޕް މިއުޒިކްގެ ދުނިޔޭގައި މަޝްހޫރު ދެކުނު ކޮރެޔާގެ މިސްރާބު މިހާރު ހުރީ މުސްލިމުންގެ ކެއުމުގެ ގަވާއިދުތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ދުނިޔޭގެ ހަލާލް އިންޑަސްޓްރީއާ ދިމާލަށެވެ. މުސްލިމުން އާބާދީގެ ނިސްބަތް އެންމެ 0.4 އިންސައްތަ ހިއްސާވާ ދެކުނު ކޮރެޔާގައި ހަލާލު މާކެޓެއް އުފެއްދުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް ކޮރެޔާގެ ޕޮޕް މިޔުޒިކާއި ފިލްމުތަކަށް ބޮޑު ސަޕޯޓެއް އޮންނަ ދެކުނު އިރުމަތީ އޭޝިއާގައި ކޮރެޔާގެ ކެއުންތަކަށާއި ލުއި ކާނާއަށް އޮތް ޑިމާންޑު އިތުރުވަމުން ދިއުމަކީ ހަލާލު މާކެޓެއް އުފެއްދުމަށް ކޮރެޔާ ވިޔަފާރިވެރިންނަށް އޮތް ބޮޑު ފުރުސަތެއް ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ ވިޔަފާރިތަކަށް މި ޓްރެންޑުގެ ފައިދާ ނަގަން ހިތްވަރުދީ، ކާބޯތަކެތީގެ ބާވަތްތައް ތަހުލީލުކުރުމުން ފެށިގެން ސެޓްފިކެޓް ފީއަށް ސަބްސިޑީ ދިނުމާއި ގަންނަ ފަރާތްތަކާއި ސަޕްލައި ކުރާ ފަރާތްތައް ގުޅުވައިދޭ ޕްރޮމޯޝަނަލް އިވެންޓްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކުރިން 2015 ވަނަ އަހަރު އޭރުގެ ރައީސް ޕާކް ގޭން ހައި ވަނީ ހަލާލު ކާނާ ހިމެނޭ ގޮތަށް އާ މާކެޓްތަކުގައި ވިޔަފާރިތައް ކުރިއެރުވުމަށް އަރަބި އެކުވެރި އިމާރާތް، (ޔޫއޭއީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ހަލާލު މާކެޓް ކުރިއެރުވުމުގެ ގޮތުން ދެކުނު ކޮރެއާގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޑޭގޫގައި، ލޯކަލް އޮތޯރިޓީތަކުން ވަނީ "ހަލާލް ފުޑް އެކްޓިވޭޝަން ޕްރޮޖެކްޓް" އެއް ކުރިއަށް ގެންގޮސްފައެވެ. އަމާޒަކީ އެ ގައުމުގައި ހަލާލު ސެޓްފިކެޓް ލިބިފައިވާ ކުންފުނިތަކުގެ އަދަދު ދިހަގުނަ އިތުރުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް ހަލާލު އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމެވެ.
ދެކުނު ކޮރެއާގެ ކާބޯތަކެތި އުފައްދާ އެއް ކުންފުނި ސަމްޔަންގް ފުޑްސްއިން 78 ގައުމަކަށް ހަލާލު އުފެއްދުންތައް އެކްސްޕޯޓް ކުރާއިރު، އޭގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ "ބުލްޑަކް ރަމެން" އިންސްޓޭންޓް ނޫޑްލްސް ހިމެނެއެވެ. މިދިޔަ އަހަރު ދެކުނު ކޮރެއާއިން ވަނީ ހަލާލު ގެރި މަސް ވެސް ފުރަތަމަ ފަހަރަށް އެކްސްޕޯޓް ކުރަން ފަށައިފައެވެ.
ކާބޯތަކެތީގެ އިތުރުން ރީތިވުމަށް ބޭނުންކުރާ ސާމާނު އުފައްދާއިރު ވެސް ހަލާލު މާކެޓަށް އަމާޒުކޮށްގެން ތަކެތި އުފެއްދުމަށް ދެކުނު ކޮރެޔާއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
ހަމައެކަނި ހަލާލު ކާނާއަށް މުސްލިމުން ކުރާ ހަރަދު 2021 ވަނަ އަހަރު 1.27 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، 2025 ވަނަ އަހަރު 1.67 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ދިނާސްޓޭންޑަޑްއިން ބުނެއެވެ.