ދެކުނު ކޮރެއާގެ ރައީސް އާ އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް. އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާ ގުޅިގެން ޔޫން މިހާރު ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/ގެޓީ

އަސްކަރީ ގާނޫނާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް އާ އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު ހެނދުނު މޮޓޯކޭޑެއްގައި އިންވެސްޓިގޭޓަރުންނާއެކު އޭނާގެ ދިރިއުޅޭ ކޮމްޕައުންޑުން ނުކުމެ ޔޫން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފައެވެ.

މިއީ ދެކުނު ކޮރެއާގެ ތާރީޚުގައިވެސް ރައީސަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ޔޫން ހައްޔަރުކުރުމަށް އަމުރު ނެރުނީ އަސްކަރީ ގާނޫނު އިއުލާނު ކުރެއްވުމާ ގުޅިގެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ސުވާލު ކުރުމަށެވެ. އޭގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅުމުގެ ތުހުމަތު ވެސް ހިމެނެއެވެ. ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު ވެސް ލިބިދާނެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ޔޫން ހުންނެވީ އެމަނިކުފާނުގެ ގެކޮޅުގައި ސެކިއުރިޓީ ޓީމުގެ ހިމާޔަތުގައެވެ.

މި މަހުގެ ތިން ވަނަ ދުވަހު ވެސް ޔޫން ހައްޔަރުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެ މަނިކުފާނުގެ ސެކިއުރިޓީން ހުރަސްއެޅުމުން ހަމަނުޖެހުމަކަށް ވެދާނެ ކަމަށް ބަލައި ޕްރޮސިކިއުޓަރުން ނިންމީ ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރެވެން ނެތް ކަމަށެވެ. އެ އަމުރުގެ މުއްދަތު ހަމަވި ފަހުން ނެރުނު އާ އަމުރެއްގެ ދަށުން އޮފިސަރުން ވަނީ ހަރުގަނޑުތައް ބަހައްޓައިގެން ގޭގެ ފާރު މަތިން އަރައިގެން އެތެރެއަށް ވަދެފައެވެ.

ސޯލްގައި ހުންނަ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ ގެކޮޅު ކައިރީގައި ފުލުހުންގެ އޮފިސަރުން ހަރަކާތްތެރިވަނީ. ފޮޓޯ/ގެޓީ

މިދިޔަ އަހަރުގެ ޑިސެމްބަރު ތިން ވަނަ ދުވަހު ޔޫން އިއުލާނުކުރެއްވި އަސްކަރީ ގާނޫނުގެ ސަބަބުން ދެކުނު ކޮރެއާ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެ މައްސަލައިގައި ޔޫން މަގާމުން އެކަހެރިކޮށް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހެވެ.

ދެކުނު ކޮރެއާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އަދި މަގާމުން ވަކިވީ ކަމަކަށް ނުބަލާނެއެވެ. ޔޫންގެ މަގާމުން ދުރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ދުސްތޫރީ ކޯޓުގެ ވަކި ޝަރީއަތެއްގައެވެ. އެ މަނިކުފާނު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިކުރާނެތޯ ނުވަތަ އަލުން މަގާމަށް ދެއްވާނީތޯ ނިންމާނީ އެ ކޯޓުންނެވެ. އެ ޕްރޮސެސްއަށް ހަ މަސް ދުވަސް ނަގާފާނެއެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ބާއްވާފައެވެ.

ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންދަވާފައެވެ.

comment ކޮމެންޓް