ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން ދެލައްކަ ރުފިޔާ އަތުލި މައްސަލައެއް ފުލުހުން ބަލަނީ

ފެބްރުއަރީ 15، 2021: ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިނގިލީ މީހެއް އަތުން ދެ ލައްކަ ރުފިޔާ އަތުލި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ލާރި އަތުލާފައި ވަނީ އެޗްޑީސީގެ ފްލެޓެއް ލިބުނުކަމަށް ބުނެކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހެއް އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ މައްސަލަ ބަލާކަމަށް ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަކީ އާންމު މައްސަލައެކެވެ. އެގޮތުން ފްލެޓާއި ގޯތި ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމާއި ބޭންކްގެ ނަމުގައި ގުޅާ ފައިސާ ހޯދައި ތަފާތު ލިންކުތައް ބޭނުންކޮށްގެން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަށް ފުލުހަށް ހުށަހަޅާކަމަށް އެ އިދާރާއިން އަބަދު ވެސް މައުލޫމާތުދެއެވެ.

އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން އަބަދު ވެސް އިލްތިމާސް ކުރެއެވެ.

މިފަދަ ކަންކަމުގައި ސަމާލުވުމަށް ގޮތްނޭނގޭ ލިންކުތަކަށް ނުފިތުމަށާއި ފައިސާ ދެވެނީ ކާކަށްތޯ ޔަގީންކުރުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް