އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީ 93 މިލިއަން ޑޮލަރަށް އިތުރުކޮށްފި

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން: އިންޑިއާއިން ވަނީ ރާއްޖެއަށް ދޭ ހިލޭ އެހީ އިތުރުކޮށްފައިވާ ކަމަށް ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއިން އާ މާލީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ މިންވަރު 93.8 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ)އަށް އިތުރުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކުވަނީ އެގައުމުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރާއްޖެއަށް ދޭ ހިލޭ އެހީ މަދުކޮށްފައިވަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

އެއީ، މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް ހިމަނައިފައިވާތީއެވެ. އެއީ، 72 މިލިއަން ޑޮލަރެވެ. އެއީ، ނިމެމުންދާ މާލީ އަހަރާ ބަލާއިރު 20 މިލިއަން ޑޮލަރުގެ މަދު އަދަދެކެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި، ބަޖެޓު މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރައްވަމުން ޖައިސްވަލް ވިދާޅުވީ އެކި ކަންކަމަށް ފައިސާ ކަނޑައެޅުމަށް ފަހު، ބަދަލުތައް ގެނެސް، އެއަށް ފަހު ވެސް ބަދަލު ގެންނާނެ ގޮތުގެ އާ ހުށަހެޅުންތައް އަންނާނެ ކަމަށެވެ.

"ރާއްޖެއަށް ކުރިން ލަފާކުރި 600 ކްރޯޑާ ޚިލާފަށް މިފަހަރު ބަޖެޓަކީ 779 ކްރޯޑު، އެއީ އިތުރުވުމެއް، ދެން ކަންތައް ހިނގާ ގޮތުގެ ތަފުސީލު ލިބުމުން މި އަދަދުތަކަށް ވެސް ބަދަލު އަންނާނެ. އަޅުގަނޑު ބުނާނީ އިންޑިއާ ސާބިތުވެ އެބަ އޮތޭ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތީ 'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައި އިންޑިއާގެ ބައެއް މީޑިއާތަކުގައި ސިފަކޮށްފައިވާއިރު، އެގައުމާއި ރާއްޖެއާ ދެމެދު މިދުވަސްވަރު ވަނީ ގުޅުން ގޯސްވެފައެވެ.

އެއީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އެގައުމާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި އިންޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔައެވެ.

comment ކޮމެންޓް