ޤަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ މުބާރާތް ބާއްވާ ޤައުމު ޤަތަރުން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުން ޤަތަރު ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި އީރާނާއި ބައްދަލުކޮށް 3-2 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ހަތަރުވަނަ މިނެޓްގައި އީރާނުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސަރްދާރު އަޒްމޫންއެވެ. ގޯލަށް ފުރަގަސް ދީގެން ހުރެ ބޯމަތިން ޖަހައި ވައްދާލި ލަނޑާ އެކު އީރާނުން ލީޑު ނެގި ނަމަވެސް ޤަތަރުން ވަނީ މެޗުގެ 17 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖާސެމް ގާބިރެވެ.
އަދި، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަކްރަމް އަފީފް ވަނީ ޤަތަރަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
މިމެޗުގެ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ފެށުން ރަނގަޅު ވެގެންދިޔަތަން ފެނިގެންދިޔައީ އީރާންގެއެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި އެ ޓީމަށް ވަނީ މެޗުގެ 51 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ވައްދައިލާ މެޗުގެ ނަތީޖާ އީރާނަށް ހަމަހަމަ ކޮށްދިނީ އަލީރިޒާ ޖަހާންބަކްޝްއެވެ. މިއާ އެކު ދެ ޓީމުން ވެސް ލަނޑެއް ޖަހައި މެޗު ކާމިޔާބު ކުރެވެތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް މިކަން ކާމިޔާބުވީ މެޗުގެ 82 ވަނަ މިނެޓްގައި ޤަތަރެށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ އޭޝިއަން ކަޕްގެ ތަށި ދިފާއު ކުރުމުގެ ފުރުސަތު ޤަތަރަށް ހޯދައިދިނީ އަލްމޮއޭޒް އަލީއެވެ.
މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔައީ އީރާންގެ ޝޯޖާ ޚަލީލްޒާދޭއަށް ރެފްރީ ދެއްކި ރީނދޫ ކާޑެއް ވީއާރުން ބެލުމަށްފަހު ރަތްކަޑަކަށް ބަދަލުކުރި ތަނެވެ. މިއާ އެކު 1976 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕްގެ ފައިނަލުން ޖާގަ ހޯދުމަށް އީރާނުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ މެޗު ނިމިގެންދިޔައެވެ.
ޤަތަރުން ހޯދި މި ކާމިޔާބީއާ އެކު މި އަންނަ ހޮނިހިރު ދުވަހު ލުސެއިލް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އުރުދުންއާއެވެ.