ކުޑަކުޑަ މި ދިވެހިރާއްޖެއަށް ޒަމާނާ އެކު ބޮޑެތި ބަދަލުތައް އެބަ އާދެއެވެ. އިގުތިސާދީ ބަދަލުތަކާއި, އިޖުތިމާއީ ބަދަލުތަކެވެ. އާއްމު ދިރިއުޅުމަށް އަސަރުކުރާ ކަހަލަ ބަދަލުތަކާއި, މާބޮޑަށް ފާހަގަނުވާ ފަދަ ބަދަލުތައް ވެސް މެއެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ރާއްޖޭގެ އާބާދީގައި އުމުރުންދުވަސްވީ މީހުން އިތުރުވަމުން އައުމެވެ.
ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު މީގެ 10 އަހަރު ކުރިން, 2014 ވަނަ އަހަރު ރާއްޖޭގައި ތިބީ 65 އަހަރުން މަތީގެ 16,607 މީހުންނެވެ. މި އަދަދު 2020 ވަނަ އަހަރު އައިއިރު ވަނީ 18,598 އަށް އިތުރުވެފައެވެ. އާބާދީ ޕްރޮޖެކްޝަންސް ރިޕޯޓް ބުނާ ގޮތުގައި 2030 ވަނަ އަހަރު މި އަދަދު 32,320 އަށް މަތިވާނެއެވެ. އަދި 2050 ވަނަ އަހަރު އަންނައިރު އެ އަދަދު ދެ ގުނަ ވާނެ ކަމަށް ވެސް އެ ރިޕޯޓް ބުނެއެވެ. އެހެންކަމުން އެ ހިސާބަށް ދާއިރު ރާއްޖޭގައި 65 އަހަރުން މަތީގެ 75,404 މީހުން ތިބޭނެއެވެ. ކުރުކޮށް ބުނާ ނަމަ އުމުރުންދުވަސްވީ މީހުންގެ ނިސްބަތް 40 އަހަރުގެ ތެރޭގައި ފަސް ޕަސެންޓުން 14 ޕަސެންޓަށް އިތުރުވާނެއެވެ.
ސުވާލެއް ނެތެވެ. އުމުރުންދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އައުމަކީ ގައުމަށް ކުރިއެރުން އަންނަ ކަމުގެ ހެއްކެކެވެ. ސިއްހީ ފަރުވާ ރަނގަޅުވުމާއި, ދުޅަހެޔޮ ކާނާ އާއި ކަސްރަތާ މެދު މުޖުތަމައު ހޭލުންތެރިވަމުން އަންނަ ކަމުގެ ނިޝާނެކެވެ. ނަމަވެސް އެ އާބާދީ އިތުރުވުމަކީ, ޖުމްލަކޮށް މުޅި ގައުމަށް އިތުރުވާ ޒިންމާއެއް ވެސް މެއެވެ. އުމުރުންދުވަސްވީ މީހުންނަކީ މުޖުތަމައުގެ ހާއްސަ އަޅާލުމާއި, އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ބަޔަކަށް ވާތީވެއެވެ.
އުމުރުންދުވަސްވީ މީހުންނަށް ދައުލަތުން މިހާރު ވެސް އަންނަނީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 2009 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދައުލަތުން އެލަވަންސެއް ދޭން ފެށިއެވެ. އޭގެ ފަހުން އައި ސަރުކާރުތަކުން ވެސް އެ ސިޔާސަތު އަންނަނީ ތަންފީޒުކުރަމުންނެވެ. އަދި އެކި ފަހަރު މަތިން އެ އެލަވަންސަށް ބަދަލުތައް އައިސް, މިހާރު މަހަކު ދޭ އަދަދަކީ 5000ރ. އެވެ.
އެ އެލަވަންސް ވެެގެންދިޔައީ އުމުރުންދުވަސްވީ މީހުންނަށް ބޭނުންވާ އަސާސީ ކަންކަމާއި, އެހެން ވެސް ބައެއް ބޭނުންތައް, އެހެން މީހަކަށް ބަރޯސާނުވެ ފުއްދޭނެ ފަދައަކަށެވެ. އެ މީހުންގެ މުހުދާތުތައް, އާއިލާ އަށް މާބޮޑު ބުރައަކަށް ނުވެ ފުއްދޭނެ ފަދައަކަށް ވެސް މެއެވެ. މިއީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހޯދުނު ކާމިޔާބެކެވެ. މި ގައުމުގެ ކޮންމެ އިސްރަށްވެއްސަކީ ވެސް, ދައުލަތުގެ އިޖުތިމާއީ ހިޔާވަހިކަމުގެ ތެރޭގައިވާ މީހެކެވެ.
ނަމަވެސް, ދުރަށް ވިސްނާއިރު މިކަމުގައި ވިސްނާލަން ޖެހޭ ކަންކަން އެބަހުއްޓެވެ. އުމުރުންދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު, ދައުލަތުން މިކަމަށް ކުރަން ޖެހޭ ހޭދަ ވެސް އަންނާނީ ބޮޑުވަމުންނެވެ. އަދި އެކި ސަރުކާރުތަކުގެ ސިޔާސަތަކަށް އަންނަ ބަދަލުތަކާ އެކު މި އަދަދު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން, މިއީ މިހާރު ވެސް ހަރަދާއި, އާމްދަނީ ނުބައްދަލު, މި ގައުމުގެ މާލިއްޔާ އަށް އުފުލިދާނެ ބުރައެއް ހެއްޔެވެ? މިއީ ދެމެހެއްޓެނިވިކޮށް ކުރެވިދާނެ ކަމެއް ހެއްޔެވެ?
މާލީ ބުރައަކަށް ނުވެ, މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެހެން ގައުމުތަކުން ދެ ގޮތަކަށް އަމަލުކުރެއެވެ. ފުރަތަމަ ގޮތަކީ, ރިޓަޔާކުރާ އުމުރު މަތިކުރުމެވެ. ނަމަވެސް މިއީ ވެސް ޖުމްލަ ހައްލެއް ނޫނެވެ. ސަބަބަކީ ގިނަ މީހުންނަކީ, އުމުރު މަތިކުރި ނަމަވެސް, ސިއްހަތާއި, އެ ނޫން ވެސް ކަންކަން ހުންނަ ގޮތުން ވަޒީފާގައި ދެމި ތިބެވޭނެ ބަޔަކަށް ނުވުމެވެ. މިކަމުގެ އަނެއް ހައްލަކީ, ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކޮށް, އޭގެ ތެރެއިން މި އެލަވަންސް ހަމަޖެއްސުމެވެ. ނަމަވެސް މިއީ ވެސް އެހާ މަގުބޫލު ހައްލެއް ނޫނެވެ.
ދެމެހެއްޓެނެވި ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ ރިޓަޔަރީސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ކާމިޔާބު މޮޑެލްއަކީ ޒަމާނީ ޕެންޝަން ނިޒާމެވެ. ރާއްޖޭން ވަނީ މީގެ 15 އަހަރު ކުރިން, މި ނިޒާމު ތައާރަފުކޮށް, ގާނޫނީ ބާރުވެރިކަން ދީފައެވެ. އަދި އެ ނިޒާމު ހިންގަން ގާނޫނުގެ ދަށުން, މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަމުގައި އިދާރާއެއް ވަނީ ގާއިމްކޮށްފައެވެ.
ޒަމާނީ ޕެންޝަން ނިޒާމުގެ އަސާސަކީ, ވަޒީފާއަދާކުރާ ކޮންމެ މީހަކު ވެސް, އެ މީހެއްގެ ޕެންޝަނަށް, ކޮންމެ މަހަކު ވެސް, ކަނޑައެޅިފައިވާ ވަކި މިންވަރެއް ޖަމާކުރުމެވެ. އަދި އެ މީހެއްގެ ނަމުގައި, ހަމަ އެ އަދަދު, ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރުމެވެ. އަމިއްލަ މަސައްކަތްކުރާ މީހުންނަށް ވެސް ބައިވެރިވެވޭ މި ނިޒާމުގައި, އެގޮތަށް ޖަމާކުރާ ފައިސާ, ޕެންޝަން އޮފީހުން ރައްކާތެރިކަމާ އެކު ބަލަހައްޓައި, އެ ފައިސާ އިންވެސްޓް ވެސް ކުރެއެވެ. މާނައަކީ, އިންވެސްޓްމަންޓުގެ ފައިދާއާ އެކު, ކޮންމެ ބައިވެރިއެއްގެ ފަންޑު ވެސް އަހަރުން އަހަރަށް ބޮޑުވަމުން ދިއުމެވެ.
އެހެންކަމުން މަސައްކަތްނުކުރެވޭ އުމުރަށް ދާއިރު, ދައުލަތުގެ ބަޖެޓަށް ވެސް އަދި އެހެން މީހަކަށް ވެސް ބަރޯސާނުވެ, އަބުރުވެރި ދިރިއުޅުމެއް އުޅުމަށްޓަކައި, ގައިބާރުހުރި ދުވަހު ތައްޔާރުވުމަށް, އޮތް ހައްލަކީ ޕެންޝަން އޮފީހުގެ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް)އެވެ.
އެމްއާރްޕީއެސް އަކީ ޕެންޝަން އޮފީހުން ހިންގައި, ބަލަހައްޓާ ފަންޑަކަށްވީ ނަމަވެސް, މި ފަންޑު ފުޅާކުރުމުގެ ފުރުސަތު އޮތީ އާއްމުންގެ އަތްމަތީގައެވެ. ސަބަބަކީ ގާނޫނުގައި, ހަތް ޕަސެންޓް ޖަމާކުރަން މަޖުބޫރުކޮށްފައި އޮތް ނަމަވެސް, އެއަށް ވުރެ ބޮޑު އަދަދެއް ޖަމާކުރުމުގެ އިހުތިޔާރު ވަޒީފާއަދާކުރާ މީހުންނާއި, ވަޒީފާދޭ ފަރާތްތަކަށް ވެސް އޮތުމެވެ. މާނައަކީ, އެ މީހެއްގެ ރިޓަޔާމަންޓުގައި ބޭނުންކުރަން ހުންނާނެ ފައިސާގެ އަދަދު އިތުރުކުރުމުގެ ބާރު އެ މީހަކަށް އޮތުމެވެ. އަދި އެ ބައެއްގެ މުވައްޒަފުންގެ ރިޓަޔާމަންޓް ފަންޑު ބޮޑުކޮށްދިނުމުގެ ފުރުސަތު ވަޒީފާދޭ ފަރާތަށް އޮތުމެވެ. ރާއްޖޭގެ ބައެއް ކުންފުނިތަކުން މިހާރު ވެސް އެގޮތަށް އަމަލުކުރެއެވެ.
ޕެންޝަން ފަންޑުން ވީހާ ވެސް ގިނަ ބަޔަކަށް ރައްކާތެރިކަން ލިބޭނެ އަނެއް ގޮތަކީ, އަމިއްލަ މަސައްކަތްކުރާ މީހުން ވެސް މީގައި ބައިވެރިވުމެވެ. އޭރުން މުޅި އާބާދީ އަށް މި ފަންޑުގެ ހިޔާވަހިކަން ލިބެނެއެވެ.
މިއީ މުޅި ދުނިޔެ ވެސް ބަލައިގަންނަ, ޒަމާނީ ނިޒާމަކަށްވީ ނަމަވެސް, އަދިވެސް މި ނިޒާމާ މެދު ބައެއް މީހުންގެ ހިތްތަކުގައި ނުކިއްސަރުކަމެއް ހުރެއެވެ. އެއް ނަޒަރުން ވިސްނާ މީހާއަށް ފެންނާނީ, އެ މީހެއްގެ މުސާރައިން ކޮންމެ މަހަކު ވެސް ވަކި އަދަދެއް އުނިކުރާތަނެވެ. ނަމަވެސް ހަގީގަތުގައި މިއަދު އެ އުނިކުރާ ފައިސާކޮޅު, މާދަމާ ރަނަށް ވާނެއެވެ. މުޖުތަމައުގެ ގިނަ މީހުންނަކީ ފަހަށް ރައްކާކުރުމުގެ އާދަ އެހާ ބޮޑަށް ނެތް އަދި ކުރި ނަމަވެސް, ކިރިޔާ ކަމެއް ޖެހޭއިރަށް އެ ފައިސާކޮޅުގައި އަތްލެވޭ ހާލަތުގައި ތިބި މީހުންނެވެ. ނަމަވެސް ޕެންޝަން ފަންޑަކީ ގާނޫނުން ތަޅުލެވިފައިވާ, އަދި ގާނޫނުން ރައްކާތެރިކަން ލިބިފައިވާ ފަންޑެކެވެ.
ވިސްނަން ޖެހޭ ނުކުތާއަކީ, މިހާރު ހެން ކޮންމެ މީހަކަށް ދައުލަތުން އެލަވަންސް ދިނަސް އެއީ އަބަދަށް ކުރެވޭނެ ކަމެއް ނޫން ކަމެވެ. ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނީ އަހަރެމެންގެ ވެސް ހިއްސާއެއް އޮވެގެންނެވެ. އިތުރުވަމުން އަންނަ އުމުރުންދުވަސްވީ މީހުންގެ އާބާދީއާ އެކު, އެ އެންމެންނަކީ މުޖުތަމައުގެ އަޅާޅުމާއި, ރައްކާތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް އޮތް ޒިންމާ އަދާކުރުމުގެ ފުރުސަތު އަހަރެމެންނަށް މިއޮތީ ޕެންޝަން ފަންޑުން ފަސޭހަކަމާ އެކު ލިބިދީފައެވެ.
އެހެންކަމުން އުމުރުންދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނަ ކަމުގެ އެލާމާ އެކު, މިއީ އެންމެން ގުޅިގެން, އެންމެންގެ މުސްތަގުބަލަށްޓަކައި, ޕެންޝަން ފަންޑު ވަރުގަދައަށް ބިނާކުރަން އާ ހިތްވަރަކާ އެކު މަސައްކަތް ފަށަންވީ ވަގުތެވެ.