ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން އިންސާނީ ވަސީލަތް ބިނާކުރަން ދަތިވާ ކަމަށް ވޯލްޑް ބޭންކުން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އިންސާނީ ވަސިލަތްތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރެފައިވާ ރިވިއުގައިވާގޮތުން ރާއްޖޭގެ ތައުލީމީ ފެންވަރު ދަށެވެ.
އެގޮތުން އެ ބޭންކުން ބުނީ، ރާއްޖޭގެ ކުއްޖަކު މަދަރުސީ ތައުލީމުގެ 12.4 އަހަރު ފުރިހަމަ ކުރާއިރު، އުނގެނުމަށް ހޭދަކުރަނީ އެންމެ 8.17 އަހަރު ކަމަށެވެ. އޭގެ ސަބަބުން ކުދިންގެ ކިޔެވުމުން 4.32 އަހަރު ގެއްލޭކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ވޯލްޑް ބޭންކުން ބުނީ މިހާރު ރާއްޖޭގެ އިންސާނީ ވަސީލަތްތަށް ހުރި މިންވަރަށް ބަލާއިރު، އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވާ ކަމަށެވެ. އެގޮތުން، މުސްތަގުބަލުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 23 އިންސައްތަ ދަށަށްދާނެ ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ.
މިއީ ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދަށްވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި، ޚާއްސަކޮށް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް މިކަމުން ފާހަގަވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން ވަނީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ވެސް އެޗްސީއައި ދަށްކަން ފާހަގަ ކޮށްފައެވެ. އެޗްސީއައި ނުވަތަ ހިއުމަން ކެޕިޓަލް އިންޑެކްސްއިން މިން ކުރަނީ އިންސާނީ ވަސިލަތްތައް އެންމެ ރަނގަޅު ގައުމުތަކަކީ ކޮބައިތޯއާއި، ރައްޔިތުންގެ އިގުތިސާދީ އަދި ޕްރޮފެޝަނަލް ގާބިލު ކަމެވެ. މިއީ އަހަރަކު އެއްފަހަރު ވޯލްޑް ބޭންކުން ތައްޔާރުކުރާ ރިޕޯޓެކެވެ.
ވޯލްޑް ބޭންކުން މައުލުމާތު ދިންގޮތުގައި މި މައްސަލަތައް އިތުރަށް ގޯސްވަނީ، ގައުމުތަކަށް ދިމާވާ 'ސްޓްރަކްޗަލް ރިސްކު'ތަކުގެ ސަބަބުންނެވެ. ރާއްޖޭގެ މުޅި އިގުތިސޮދު ވަރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވުމުގެ ސަބަބުން އިންސާނީ ތަރައްގީއާއި ކުރިއެރުމަށް ވެސް އަސަރު ކުރާކަން އެ ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.