ރޯދަމަހު އިންތިޚާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރަން ކޮމިޓީއެއް އެކުލަވާލައިފި

"ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ތެރެއިން: ރޯދަމަހު އިންތިޚާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެނައުމުގެ ބިލް ވަނީ މަޖިލީހުން ބަލައިގެންފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހުގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެ ބިލް ދިރާސާކުރަން ކޮމިޓީއެއް މިއަދު އެކުލަވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު އަންނަ މާޗު މަހުގެ 17އަށް ތާވަލުކޮށްފައިވާއިރު، އެ ދުވަސް ދިމާވަނީ ރޯދަމަހުގެ ފުރަތަމަ ހަފުތާގެ ދުވަހަކާ ކަމަށްވާތީ، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީން ވަނީ އެކަމާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެހެންވެ، އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ޝިފާއު ހުށަހެޅުއްވި ބިލެއްގައި ވަނީ، މިހާރު ގާނޫނު އޮތް ގޮތުން މި އަހަރުގެ މަޖިލިސް އިންތިޚާބު ރޯދަމަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ހަމައެއާއެކު، މިހާރު ގާނޫނު އޮތް އޮތްގޮތުން އިންތިޚާބުތަކުގައި ބާތިލު ވޯޓު ކަންބޮޑުވާ މިންވަރަކަށް ގިނަވާތީ އެކަމަށް ހައްލެއް ހޯދުމާއި އިންތިޚާބުތަކުގެ އިދާރީ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް ބިލް ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.

އެ ބިލުގެ ދަށުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާގައި މިހާރު ބަޔާންކޮށްފައި އޮންނަ (ހ)ގެ އިތުރަށް (ށ) އާއި (ނ) އިތުރުކުރުން ހިމެނެއެވެ. އެއީ:

ށ. އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށާއި އިންތިޚާބު ބާއްވަން ޖެހޭ ތާރީޚު ރޯދަމަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަން ވާނީ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް.

ނ. (ށ)ގައި ބުނެވުނު ހާލަތުގައި އެ އިންތިޚާބަކާ ގުޅޭ ޚާއްޞަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނާމަ، (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށް ޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް.

އެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިއަދު ޝިފާއު ވިދާޅުވީ، ބިލު ހުށަހަޅާފައިވަނީ، މަޖިލީހުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން އެއްބަސްވެފައިވާ ދަ ޑިމޮކްރެޓްސްގެ ތާއިދާ ވެސް އެކު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުން ވެސް ދިވެހިރާއްޖޭގެ އާންމު ރައްޔިތުންގެ މި ޚާއްޞަ ކަންބޮޑުވުމަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި މި ބިލަށް އެ ފަރާތްތަކުގެ ތާއިދު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިދިޔަ މަހު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތް އިނގުރައިދޫ ދާއިރާގެ ހަސަން އަހްމަދު (ހަސަންޓޭ) މިއަދު ބަހުސްގައި ވިދާޅުވީ، މީގެ ކުރިން ވެސް ރޯދަމަހުގެ ތެރޭގައި އިންތިޚާބުތައް ބާއްވާފައިވާ ކަމަށާއި ރޯދަމަހު އިންތިޚާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ރޯދަމަހުގައި އިންތިޚާބެއް ބާއްވާތީ މި ރާއްޖޭގެ ރައްޔިތުންނެއް ޝަކުވާއެއް ނުކުރޭ. އަޅުގަނޑެއް ނުދެކެން މި ރާއްޖޭގައި ރޯދަމަހު އިންތިޚާބެއް ބާއްވައިގެން، ހަމަގައިމުވެސް މާފުށީ އިންތިޚާބު ބޭއްވި އިރުގައި ރައްޔިތުން ހަޅޭއްނުލަވާ އެތާ ރޯދަމަހު އިންތިޚާބެއް ބާއްވައިގެނެއް،" މިދިޔަ އަހަރުގެ ރޯދަމަސް ތެރޭގައި، މާފުށި ހިމެނޭ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

އެ ބިލަށް ވޯޓަށް އެހުމުން، ބިލް ބަލައިގަންނަން 39 މެންބަރަކު ވޯޓު ދެއްވިއިރު ބަލައިނުގަންނަން ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެ ބިލް ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާތީ އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި، އެކަމަށް 39 މެންބަރުން ތާއިދު ކުރެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެ ކޮމިޓީގައި ހިމަނަން އަލީ ނިިޔާޒް ހުށަހެޅުއްވީ:

  • ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް މުއިއްޒު
  • ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު
  • ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން
  • މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒު ފަހުމީ
  • ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އަހުމަދު ޒާހިރު

އެ ފަސް މެންބަރުންނާއެކު ކޮމިޓީ އެކުލަވާލުމަށް ނެގި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވީ ކޮމިޓީ އެ މެންބަރުންނާއެކު އެކުލަވާލުމަށެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެހެންވެ، އެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާކަން، ރިޔާސަތުން އެންގިއެވެ.

comment ކޮމެންޓް