ސްޕެނިޝް ލަލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާއި ވާދަވެރި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. މެޑްރިޑަށް ނިސްބަތްވާ މިދެޓީމްގެ ޑާބީ މެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. މިގޮތުން މިމެޗުގައި ފެށުން ރަނގަޅުވީވެސް ރެއާލްގެއެވެ.
ރެއާލްއިން އެ މެޗުގެ 20 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ލަނޑު ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެލަނޑު އެޓީމަށް ކާމިޔަބު ކޮށްދިނީ ބްރަހީމް ޑިއާޒް އެވެ.
އެ މެޗުގެ ފުރަތަމަ އެގާރައިގާ ބްރަހީމް ޑިއާޒް ހިމެނުނީ ވާމް އަޕް ކުރުމުގެ ތެރޭގައި ވިނީޝިއަސް ޖޫނިއާއަށް އަނިޔާވުމާ ގުޅިގެންނެވެ. މިމެޗުގައި ރެއާލްގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ވެސް ވަނީ ޑިއާޒްއަށް ލިބި ބޭކާރު ވެފައެވެ.
އެ މެޗުގައި އެޓްލެޓިކޯއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބުނެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި ދިއުމުން މިމެޗުން ރެއާލް މޮޅުވެގެން ނިމިދާނެކަމަށް ހީވެފައިވަނިކޮށް މެޗުގެ ނަތީޖާ އެޓްލެޓިކޯއަށް ހަމަހަމަ ކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި މާކޮސް ލޮރެންޓޭއެވެ.
މިމެޗު އެއްވަރު ވުމާއެކު ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމަށް ރެއާލްއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. އޭގެ ބަދަލުގައި ރެއާލް މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވަ 58 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ ދެ ޕޮއިންޓްގެ ލީޑެއްގައެވެ.
ރެއާލް އާއި މިސީޒަންގައި ލީގަށް އެންމެ ގާތުން ވާދަކުރާ ޖިރޯނާވެސް ވަނީ މިހަފުތާގައި ކުޅުނު މެޗުން އެއްވަރުވެ ދެ ޕޮއިންޓް ގެއްލިފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ 50 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގާ އުޅޭ އިރު އެޓްލެޓިކޯ އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އެޓްލެޓިކޯއިން މިސީޒަންގައި މިވަނީ ލަލީގާގައި ރެއާލްއާ ދެކޮޅަށް ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ.