ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އެ ހިތްހަމަ ނުޖެހުމުގެ ހުޅުގަނޑު ރޯކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯނިފަހަރަށް އެރި މައްސަލާގައި ފިޔަވަޅު އެޅުމަށް ގޮވާލައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ހަގީގަތަކީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޔާމީން ކަން ކަމަށެވެ.
"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ހިތްހަމަ ނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ލީޑަރަކަށް ހުރި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް." ގާސިމް ވިދާޅުވިއެވެ.
ޔާމީން ކުރިއަށް ގެންދެވި "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެރުއްވި ގަރާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާތިލް ނުކުރައްވާތީ އެމަނިކުފާން ހުންނެވީ އެކަން ކުރައްވާ ގޮތަށް ނޫންކަން ސާފުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ގައުމެއްގެ ސިފައިން ވަދެ، ރާއްޖޭގެ އޮޑި ފަހަރަށް އަރައި އުޅުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. ހަމައެކަނި އަރާނީ ދޯނި ފަހަރަށް ނޫން ކަމަށާއި މާލެއަށް ވެސް އެހެން ގައުމުތަކުގެ ސިފައިން އަރާނެ ކަމަށް ވިދާޅުވެ ހިތްވަރު ލިބޭ ގޮތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން އަންނަ ކަމަށާއި މިއީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެމަނިކުފާނު [ނަޝީދު]ގެ ވެރިކަމުގައި މިތަނަށް ހެލިކޮޕްޓަރު ގެނެސްފައި އޮތީ ބޭރުގެ ސިފައިން އޭގައި ހިމެނޭގޮތަށް ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ ހާރިޖީ ސިޔާސަތު ހިންގެވީ ރަނގަޅަށް ކަމަށެވެ.