ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައަށް ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު މިއަދު ހެނދުނު ފެށީއިރު، މެންދުރު ފަހަށް އޮތީ އިތުރު ޖަލްސާއެއް ތާވަލުކޮށްފައެވެ. އެއީ، މި އަހަރުގެ ރޯދަ މަހާ ދިމާވާގޮތަށް އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބު ލަސްކުރަން ގާނޫނަށް ބަދަލު ގެނައުމަށް އެޖެންޑާކުރި ޖަލްސާއެކެވެ.
އެކަމަކު، ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ދެ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެއީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލައަކާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވި މައްސަލައެކެވެ. ގުރުއަތުން ނެގުމަށް ފަހު، މަޖިލީހުން ނިންމީ މިއަދު ޖަލްސާއަށް ހުށަހަޅާނީ ވައްޑޭގެ ކުއްލި މައްސަލަ ކަމަށެވެ.
އެ މައްސަލައިގައި ވަނީ ބޭރުގެ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަކަށް އެރި މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފައެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 54 މެންބަރުން އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމައިފައެވެ. ވައްޑޭ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ސަރަހައްދާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ޒިންމާ އުފުލާން އޮތް ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުން ސާފު މައުލޫމާތު ރައްޔިތުންނާ ހިއްސާނުކޮށް ތިބޭ ތިބުމުން އާންމުންގެ ތެރޭގައި ވަރަށް ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަން ފެތުރެމުންދާ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގައި ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ނުދީ، އަޅައިނުލާ ތިބޭ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ވަނީ މާ ބޮޑު ސަމާލުކަމެއް އެ މައްސަލައަށް ސަރުކާރުން ނުދިނުމަކީ ގާނޫނީ ޒިންމާއިން ރެކުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެހެންވެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން ވަނީ ގޮވާލައިފައެވެ.
ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލަ ދިފާއީ ވުޒާރާއިން އަންނަނީ ބަލަމުންނެވެ. އަދި، އެ މައްސަލައިގައި ކަން ހިނގައި ދިޔަގޮތް ސާފުކޮށްދޭން އިންޑިއާގެ ސަރުކާރުގައި ވަނީ ދަންނަވައިފައެވެ.
އިންޑިއާ ސިފައިން ވަނީ ހަތިޔާރާ އެކު ދިވެހި ތިން މަސް ދޯންޏަކަށް އަރާފައި ކަމަށް ދިފާއީ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.