ބާރުގެ ހުރި މިންވަރު ދައްކައިގެން ހާސިލްކުރެވޭނެ އެއްވެސް މޮޅެއް ނޯންނާނެ: އަސްލަމް

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުން -- ފޮޓޯ: މަޖިލިސް

ދައުލަތުގެ އެއްބާރުން، އަނެއްބާރަށް ބާރުގެ ހުރި މިންވަރު ދައްކައިގެން ހާސިލްކުރެވޭނެ އެއްވެސް މޮޅެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މިއަދު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާ ނިންމަވައިލެއްވުމަށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އަސްލަމް ވިދާޅުވީ ގާނޫނު އަސާސީގައި ދައުލަތުގެ ތިން ބާރު ވަކިކޮށްފައި އޮތުމާއެކު ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައiގެ ތެރެެއިން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމްކޔުރަން ޖެެހޭނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އޭނާ އިޝާރާތްކުރެއްވީ މީގެ ހަފުތާއެއްހައި ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ދެ ވަޒީރަކާއި ބަންޑާރަނައިބަށް ރުހުން ނުދޭން ނިންމި ނިންމުމަށް ރައީސް ގޮންޖައްސަވައި އަލުން އެ ތިން ވަޒީރުން މަގާމަށް އައްޔަންކުރެއްވި ކުރެއްވުމަށެވެ.

އެ ވަޒީރުންނާއި ބަންޑާރަނައިބަށް މަޖިލީހުގެ އެ ޖަލްސާގެ ވޯޓުގައި ބައިވެރިވި ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ރުހުން ނުދޭށެވެ.

ނަމަވެސް ހަމަ އެ ދުވަހު ރައީސް އެ ބޭފުޅުން އަލުން އައްޔަންކުރެއްވީއެވެ.

"އެ ކަން އެގޮތަށް ނުކުރުމަކީ ދައުލަތުގެ ހަމަގެއްލިދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން. މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވަނީ ބާރުތައް ބޭނުންކުރުމުގައި ދައުލަތުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުން ވިސްނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)އިންވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

އެގޮތުން ޖަލްސާ ބޮއިކޮޓް ކުރަން ނިންމި އެއް ސަބަބު ކަމަށާއި އަނެއް ސަބަބަކީ، ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ބޭއްވި ދުވަހު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް މަޖިލިސް ކުރާގޭ ކައިރީ ހަމަނުޖެހުން އުފެއްދުން ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ހަމަނުޖެހުމުގައި މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލައި މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް