އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

އަންހެނަކު ކުޑަ ކުއްޖަކު ގޮވައިގެން މަގުމަތީގައި: އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަން މިހާރު ވަނީ ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަނިވެރި މައިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް އަންނަ އަހަރު ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސީރީސްގައި ފުވައްމުލައްސިޓީ، ހޯދަނޑު އަވަށު، މާވަށް، ފާޠިމަތު ޢާފިޔާ ޢަލީ، ސުވާލު ކުރީ އެކަނިވެރި މައިންގެ އިނާޔަތާ އަދި ޔަތީމު ކުދީންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާ މެދުގައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑު ކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށެވެ. އެކަން މިއަހަރުގެ ބަޖެޓްގެ ތެރެއިން ކުރުމަކީ އަދި ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ އިނާޔަތް ބޮޑު ކުރައްވާނެ އަދަދުތަކާ ގުޅޭގޮތުން ރައީސް ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.

ޔަތީމު ކުދިންނާއި މުޖުތަމައުގައި އަޅާނުލެވިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި މުސްތަގުބަލުގައި އެފަދަ މީހުންނަށް އޯގާތެރިވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ކުދިން ތިބި ނިސްބަތުން އެ އެލަވަންސް ބޮޑުވާ ގޮތަށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ކުރީގެ އުސޫލުގެ ދަށުން ތިންކުދިންނަށްވުރެ ގިނައިން ތިބި ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތުގެ ގޮތުގައި ލިބޭނީ ގިނަވެގެން 3000 ރުފިޔާއެވެ. މިހާރު 10 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް 1000 ރުލިފާ ލިބެއެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް އެެއްވެސްކަމެއް ކުރެވޭ ވަރުގެ އެލަވަންސެއް ނޫން ކަމަށެވެެ.

comment ކޮމެންޓް