ރައީސް އަންދާޒާ: މި އަހަރު 2 މިލިއަން ފަތުރުވެރިން!

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތާރީޚުގައި މުޅީން އަލަށް، މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާ ކުރައްވައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ވަނީ އިއްވަވައިފައެވެ. އެ ބަޔާނުގައި މުހިއްމު ގިނަ ދާއިރާތަކަކުން ގިނަ ކަންތައްތަކަކަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މާލީ ހިރާސްތައް ގިނަ ނަމަވެސް ރާއްޖޭގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށެވެ.

އެގޮތުން، މި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރެވުމާ އެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މެދު ރާސްތާގައި އަހަރަކު އެވްރެޖްކޮށް 10.3 އިންސައްތައިގައި ކުރިއަރާނެ ކަމަށެވެ.

"މި އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެ ކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ފަތުރުވެރިކަމަށް ތަރައްގީކުރަން ދޫކޮށްފައި ހުރި 63 މަޝްރޫއެއް ނިންމައި، މާކެޓަށް ނެރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި މީރާ އަދި އިކޮނަމިކް ކައުންސިލުން ގުޅިގެން ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް މުޅި ޖުމްލަ 174,400 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ، 155,851 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 16,529 ފަތުރުވެރިންނާއެކު މާކެޓުގެ ތިންވަނައިގައި ޗައިނާ އޮތްއިރު، 18,111 ފަތުރުވެރިންނާ އެކު ދެވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަދި 18,561 ފަތުރުވެރިންނާއެކު އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ.

comment ކޮމެންޓް