ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަންނުކުރަން ނިންމަވައިފި

ޕީއެންސީގެ ޖަލްސާއެއްގައި، ޕީޕީއެމް ޕީއެންސީގެ އިސްވެރިން -- ފޮޓޯ/ އެލީޒް

އިސްތިސްނާ ހާލަތެއްގައި ފިޔަވައި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަންނުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ވަނީ އިއްވަވައިފައެވެ. އެ ބަޔާނުގައި މުހިއްމު ގިނަ ދާއިރާތަކަކުން ގިނަ ކަންތައްތަކަކަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

ރައީސް މިއަދު ވިދާޅުވީ، އިގުތިސާދީ ހާލަތު އޮތް ގޮތުން، ދައުލަތުގެ ޚަރަދު ކުޑަކުރަން ކޮންމެހެން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.

އެހެންވެ، އިސްތިސްނާ ހާލަތެއްގައި ފިޔަވައި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަންނުކުރަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހަމައެހެންމެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.

https://sun.mv/187848

ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރުނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެކަމަކު، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އެކަނި ވެސް ވަނީ 150 އަށް ވުރެ މައްޗަށް އަރައިފައެވެ.

އަދި، މި ސަރުކާރުގައި މި ވަގުތު ވެސް 77 ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. އެ ފެންވަރުގެ އިތުރު އަށް ބޭފުޅަކާއި ރައީސް އޮފީހުގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ ހަ ބޭފުޅަކާ އެކު، ސްޓޭޓް މިނިސްޓަރުންގެ އަދަދު ވެސް 91 އަށް އަރާފައިވެއެވެ.

ހަމައެހެންމެ، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އިތުރުން، ވަޒީރު ފެންވަރުގައި ތިއްބެވި ބޭފުޅުންނާ އެކު ޖުމުލަ 42 ވަޒީރުން އެބަ ތިއްބެވެ.

comment ކޮމެންޓް