ގޯތި ލިބުނު އެންމެންނަށް ލިޔުމާއި ރަޖިސްޓްރީ ދޫކުރާނެ: ރައީސް

ފުށިދިއްގަރު ފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ރައީސް ވިދާޅުވީ ގޯތި ލިބުނު އެންމެންނަށް ރަޖިސްޓްރީ ދޫކުރެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ގިރާވަރުފަޅާއި ގުޅީފަޅުންނާއި ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ގޯތި ލިބުނުކަމުގެ ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު"ގައި، އިބްރާހިމް ސަމާހު ވަނީ ނިމިދިޔަ ސަރުކާރުން ގިރާވަރު ފަޅުންނާއި ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކާ ބެހޭ އެއްވެސް މައުލޫމާތެއް މި ސަރުކާރު ބަދަލުވުމަށް ފަހު ރައްޔިތުންނަށް ސާފުނުވާ ކަމަށް ބުނެފައެވެ. އަދި، ގޯތި ލިބުނުކަން ކަށަވަރުވާވަރުގެ ލިޔުމެއް ނެތުމުން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

އެ ހުށަހެޅުން އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ، ގިރާވަރު ފަޅުންނާއި ގުޅީފަޅުން ދޫކުރި ގޯތިތަކަށް ދޭންޖެހޭ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ނުހިއްކާ އޮތް ސަރައްހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ގާނޫނީ ގޮތުން ރަޖިސްޓްރީ ހަދައިދެވެނީ ބިން ހިއްކާ ނިމުންމުން ކަމަށެވެ.

"އެހެން ނަމަވެސް ވަގުތީ ރަޖިސްޓްރީ ދިންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ދޫކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ނިމިދިޔަ ސަރުކާރުން ބިން ދޫކޮށްފައިވާ ހުރިހާ ރައްޔިތުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"އެހެންވީމަ ގުޅީފަޅުންވިޔަސް ގިރާވަޅުފަޅުން ވިޔަސް އަދި ހުޅުމާލެގެ ފަޅުތެރޭން ހިއްކަމުންދާ ބައިން ދޫކޮށްފައި ހުރި ގޯތިތައް ވިޔަސް ހުރިހާ އެންމެންނަށް ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

އެ ދައުރު ނިމުމުގެ ކުރިން ގޯތިތަކުގެ ރަޖިސްޓްރީ ދޭން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ނިމިފައިނުވެއެވެ.

comment ކޮމެންޓް