ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި ރާއްޖެ ތަމްސީލްކުރަނީ

މިސްރުގެ، ކައިރޯގައި ބާއްވާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި ރާއްޖެ ތަމްސީލްކުރަނީ ޑރ. އަޝްރަފާއި، އީޝާ

މިސްރުގެ، ކައިރޯގައި ބާއްވާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި ރާއްޖޭގެ ސަގާފަތުގެ ތެރޭ ހިމެނޭ މުހިންމު މަސައްކަތެއް ކަމަށްވާ ކަސަބު ވިޔުމާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ރާއްޖެ ތަމްސީލްކުރުމަށް ދިވެހިބަހުގެ އެކެޑަމީ މެދުވެރިކޮށް ދެ ބޭފުޅަކު މިސްރަށް ފުރައިފިއެވެ.

މި ފުރުސަތަކީ ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް، ނިމިދިޔަ ސަރުކާރުގައި އޮތް ފަންނާއި ތަރިކައާއި ސަގާފަތާ ބެހޭ މިނިސްޓްރީއަށް ލިބުނު ފުރުސަތެކެވެ. އެ މިނިސްޓްރީން އެ ފުރުސަތު ދިނީ ދިވެހިބަހުގެ އެކެޑަމީއަށެވެ.

ރާއްޖޭގެ ފަރާތުން މިސްރުގައި ކުރިއަށްދާ މި ބޮޑު މައުރަޒުގައި ހުށަހެޅުންތައް ހުށަހަޅުއްވާނީ ކަސަބު ވިޔުމުގެ މަސައްކަތް ކުރައްވައި، އެ ފަންނާ ގުޅޭ ދިރާސާތައް ކުރައްވާ މަރިޔަމް އީޝާ އަޒީޒާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ.

އީޝާ މައުލޫމާތު ހުށަހަޅުއްވާނީ ކަސަބު ވިޔުމުގެ މަސައްކަތާ ގުޅޭގޮތުންނެވެ. މި މައުރަޒުގައި، ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ކަސަބު ވިޔުމުގެ މަސައްކަތް ތަޖުރިބާކޮށްލަން ބޭނުންނަމަ އެ ފުރުސަތު ވެސް ލިބޭނެއެވެ.

"އެއީ 300 އަހަރުވެފައި އޮތް ކްރާފްޓެއްވީމާ ބަދަލުނުވެ އޮތް ކްރާފްޓެއްވީމާ އެއީ،" ކަސަބު ވިޔުން ޚިޔާރުކުރެއްވި ސަބަބު ހާމަކުރައްވައި އީޝާ "ސަން"އަށް ވިދާޅުވިއެވެ.

މިސްރުގެ، ކައިރޯގައި ބާއްވާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި ރާއްޖެ ތަމްސީލްކުރަނީ ޑރ. އަޝްރަފާއި، އީޝާ --

އޭނާ ވިދާޅުވީ ކަސަބު ވިޔެ އުޅުމުގައިި ގެންގުޅުނު ފަރުމާތަކާއި، ސިލްކު ރޫޓުގެ ތެރެއިން ރާއްޖެއަށް އެކި ފަންނުތައް އައި ގޮތަށް އަލިއަޅުއްވައިލައްވާނެކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ ސަގާފަތުން ފެންނާން ހުރި މާއްދީ، އަދި މާނަވީ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރައްވާނެއެވެ.

ޑރ. އަޝްރަފް ވާހަކަދައްކަވާނީ ލިޔުންތެރިކަމާއި، ތަރުޖަމާކުރެއްވުމުގައި އޭނާ ކުރައްވާ މަސައްކަތާއި، މިހާރު ޝާއިއުކުރައްވައިފައިވާ ފޮތާ ގުޅޭގޮތުންނެވެ.

މި ފުރުސަތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މި ފަދަ ބޮޑު މައުރަޒެއްގައި ރާއްޖޭގެ ސަގާފަތުގެ ވާހަކަދައްކައި، ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

މިސްރުގެ ކައިރޯގައި ބާއްވާ ފޮތް މައުރަޒު --

"މިސްރު ކަހަލަ ގައުމެއްގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޮތް މައުރަޒުގައި، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކުން އައިސް ދިވެހި ސަގާފަތް ތަމްސީލުކޮށްދެވޭ ކަމީ އަޅުގަނޑުމެން ދެ މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން, އަޝްރަފް ވަނީ މި މައުރަޒުގައި ރާއްޖެ ތަމްސީލްކުރުމަށް އިޝާ މިސްރަށް ދަތުރުކުރެއްވީ އަމިއްލަ ޚަރަދުގައިކަން ފާހަގަކުރައްވައި އޭނާގެ ހިތްވަރަށް ޝުކުރު އަދައިކުރައްވައިފައެވެ.

މި މައުރަޒުގައި މި ދެ ބޭފުޅުން ހުށަހަޅުއްވާނީ މާދަމާއެވެ.

މިދިޔަ އަހަރު ވެސް މިސްރުގައި މި ފޮތް މައުރަޒު ބާއްވައިފައިވެއެވެ. މިދިޔަ އަހަރު މައުރަޒަށް ޖުމްލަ 3.7 މިލިއަން މީހުން 14 ދުވަހުގެ ތެރޭ ޒިޔާރާތްކުރިއެވެ. މި އަހަރުގެ ފޮތް މައުރަޒު މިހާރު ފެށިފައިވާއިރު ފާއިތުވި ނުވަދުވަހުގެ ތެރޭ 3.5 މިލިއަން މީހުންވަނީ މައުރަޒަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް