ރާއްޖޭގެ މަސްދޯންޏަށް އިންޑިއާ ސިފައިން އަރައި ތިބި ވީޑީއޯ އާންމުކޮށްފި

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރި "އަސުރުމާ 3" ދޯންޏަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރާ --

ރާއްޖޭގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި ތިބި ވީޑީއޯ މިއަދު ސޯޝަލް މީޑީއާގައި އާންމުކޮށްފިއެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ދިވެހި ތިން ދޯންޏަކަށް ބޭރު ސިފައިން އެރި މައްސަލަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު ހަވީރުއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މިއަދު ސޯޝަލް މީޑީއާގައި ހިއްސާކުރި ވީޑިއޯއިން ފެންނަނީ ބޭރުގެ ސިފައިންގެ ދެ މީހަކު ދިވެހި ދޯންޏެއްގެ މަތީބައިގައި ހަތިޔާރާއެކު ތިބޭ މަންޒަރެވެ.

އެ ވީޑިއޯ ނެގި މީހާ ކިޔައިދޭ ގޮތުގައި، ސިފައިން ވަނީ ދޯނީގައި ތިބި އެންމެން ދޯނީގެ ފަހަތަށް ގެންގޮސް ބައިތިއްބާފައެވެ. އެ އޮޑިވެރިން އިތުރު ސިފައިންނާއެކު ދޯނީގައި ތިބި މަންޒަރު ވެސް ވީޑިއޯއިން ދައްކައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ދޯނީގެ ކައިރީގައި އިންޑިއާ ސިފައިންގެ މަނަވަރު ވެސް ގާތްކޮށްފައި އޮތެވެ. އަދި ދުރުގައި އެފަދަ އެހެން މަނަވަރެއް އޮތް އިރު އެއީ ވެސް އިންޑިއާ ސިފައިންގެ މަނަވަރެއްކަމަށް ޔޫނިއަނުން މައުލޫމާތު ދެއެވެ.

މަނަވަރު ކައިރީ އިތުރު ދެ ދިވެހި މަސްދޯންޏެއް އޮތެވެ.

"އަސުރުމާ 3" ދޯންޏާ ގާތްކޮށްފައި އޮތް އިންޑިއާ ސިފައިންގެ މަނަވަރު --

އެ ޔޫނިއަނުން މިއަދު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، އެ ވީޑިއޯގައި ސިފައިން އަރައި ތިބީ "އަސުރުމާ 3" ދޯންޏަށް ކަމަށެވެ. އަދި އެ ދޯނީގެ ކައިރީގައި އޮތް ދެ ދިވެހި މަސްދޯންޏަކީ "ނެރު 7" އަދި "މާހޯރަ 3" ކަމަށް ވެސް ޔޫނިއަނުން ބުންޏެވެ.

ވީޑިއޯގައި ސާފުކޮށް ކައިރިން ފެންނަ މަނަވަރަކީ "އަރިޔަމަން" ނަމަކަށް ކިޔާ، އިންޑިއާގެ ކޯސްޓްގާޑުގެ މަނަވަރެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދޯނިތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް ގެނައީ ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.

އެމްއެންޑީއެފުން ބުދަ ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ވެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ޔޫނިއަންގެ ސަމާލުކަމަށް މިކަން އައީ އެ ދޯނިން ގުޅާ އެކަން ހިއްސާކުރުމުން ކަމަށެވެ.

ދޯނީގެ ކެޔޮޅާ ހަވާލާދީ ޔޫނިއަނުން ބުނީ، "އަސުރުމާ 3" ދޯންޏަށް ފުރަތަމަ އެރީ ހަތަރު ސިފައިން ކަމަށެވެ. އެއަށްފަހު އިތުރު ދެ ސިފައިން އެރިކަމަށް ޔޫނިއަނުން ބުންޏެވެ.

ސިފައިން މަަސައްކަތް ކުރީ ދޯނީގައި ބޭނުންކުރާ ސެޓެލައިޓު ފޯނުގެ ނަމްބަރު ހޯދަން ކަމަށާއި އެ ވަގުތު ދޯނީގެ ކެޔޮޅު މަސައްކަތް ކުރީ ކޯސްޓް ގާޑަށް ގުޅައިގެން އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ޔޫނިއަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް