ވިނަރެސްގެ އަގު ކުޑަކޮށް، މަހު ކުލިން 4،200 ކުޑަކޮށްފި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުން ތަރައްގީކުރަން ފެށި ވިނަރެސް ފުލެޓުތަކުގެ އަގު ކުޑަކޮށް، މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ދަށްކޮށްފިއެވެ.

ވިނަރެސް ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައި، ރައީސް އެކަން އިއުލާނު ކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 މަގުޗާޓާ އެއްގޮތަށް ވިނަރެސް ފުލެޓު ބައްލަވައިގެން މީހުންނަށް އިތުރު ލުއިތަކެއް ދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، 'ލީސް ޓު އޯން މޮޑެލް'ގެ އިންޓްރެސްޓު ރޭޓު ނުވަ އިންސައްތައިން ހަ އިންސައްތައަށް ބަދަލުކޮށް، ޑައުންޕޭމަންޓު 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށެވެ. އަދި، ކުޑަކުރެވުނު 50 އިންސައްތަ ފުލެޓުގެ އަގުން ވެސް އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ޑައުންޕޭމަންޓު ދައްކަން ދީފައިވާ ތިން މަހުގެ ބަދަލުގައި ހަ މަސް ދޭން ވަނީ ނިންމައިފައެވެ.

https://sun.mv/185686

އެޗްޑީސީން ބުނީ، ހަ އިންސައްތަ އިންޓްރެސްޓު ރޭޓުގައި ފުލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އަދި، އެއީ ފުލެޓުގެ އަގުން ދެވޭ ޑިސްކައުންޓެއް ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަދަލާ އެކު، ބޭންކު ލޯނަކުން ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރައި ފުލެޓު ބައްލަވައިގެން މީހުންނަށް ވެސް ލުއިތައް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން، ބޭންކް ލޯނަށް މަހަކު އެވްރެޖްކޮށް ދައްކަން ޖެހޭ ކަމަށް ލަފާ ކުރެވޭ އަދަދުން 4،200 ރުފިޔާ ކުޑަވާނެ ގޮތަކަށް ފުލެޓުގެ އަގުން ޑިސްކައުންޓު ދޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި، އެއްފަހަރައި ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފުލެޓުގެ ޑައުން ޕޭމަންޓަށްވާ އަދަދުން 50 އިންސައްތަ އުނިކުރެވި، އަގު އަދާކޮށްފައިވާ މީހުންނަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބަދަލާ ގުޅިގެން އެއްބަސްވުމަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެ ކުންފުނިން ބުނީ، ވިނަރެސް މަޝްރޫއުން ފުލެޓު ބައްލަވައިގެން މީހުންގެ ޝަކުވާތަކާއި މައްސަލަތައް ބަލައިގަނެ، އެ ކަންކަމަށް ވީހާ ވެސް އަވަހަށް ހައްލެއް ހޯދައިދޭން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް