ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

މ. ދިއްގަރުގައި 75 ޔުނިޓް އަޅަން ހައުސިން މިނިސްޓްރީން އެމްޓީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމެންނަންޓް ސެކެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ހަައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއަށް ޖުމުލަ 117.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި މި މަޝްރޫއަށް ޚަރަދުކުރާނީ ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓު ކަމަށާއި އެޕާޓްމަންޓެއްގައި ތިން ކޮޓަރީއާއި ތިން ފާހާނާއާއި ސިޓިން ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ލޯންޑްރީއާއި ސްޓޯރޫމެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކާ އެ ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކާކާއި ވެހިކަލް ޕާކު ކުރާނެ ތަނެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނާ ގޮތުން މި މަޝްރޫއު އެމްޓީސީސީއާ ހާވަލުކުރީ 420 ދުވަހުގެ މުއްދަތުގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް