އިންސާނެއްގެ ގަޔަށް ޗިޕެއް އިމްޕްލާންޓްކޮށްފި

ނިއުރާލިންކުން ކުރިއަށް ގެންދާ މި އާދަޔާ ޚިލާފު މަސައްކަތް ކާމިޔާބު ކަމަށް އެ ކުންފުނިން ބުނޭ --

ކެލިފޯނިއާގެ ނިއުރޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ނިއުރަލިންކުން ފުރަތަމަ ފަހަރަށް އިންސާނެއްގެ ގައިގައި ވަޔަލެސް ބްރެއިން ޗިޕެއް އިމްޕްލާންޓުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ކޯ ފައުންޑަރު އީލޮން މަސްކް ބުނެފިއެވެ.

މި ބޮޑު ކުރިއެރުން މަސްކް ހާމަކުރީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެކްސްގައި ކޮށްފައިވާ ޕޯސްޓުތަކަކުންނެވެ.

އިމްޕްލާންޓޭބަލް ބްރެއިން-ކޮމްޕިއުޓާ އިންޓަފޭސް (ބީސީއައި) އުފެއްދުމުގެ މަސައްކަތް ނިއުރަލިންކުން މީގެ އަހަރުތަކެއް ކުރިން ކުރަމުން އައިއިރު، މިދިޔަ އަހަރުގެ މެއި މަހު އެ ކުންފުންޏަށް އެމެރިކާގެ ފުޑް އެންޑް ޑުރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން އިންސާނުން ބޭނުންކޮށްގެން ޓެސްޓްތައް ކުރިއަށް ގެންދަން ހުއްދަ ލިބުނެވެ.

އެހެންވެ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިއުރޯޓެކްނޮލޮޖީ ފާމުން ވަނީ އެ ޓެސްޓްތަކުގައި ބައިވެރިކުރާނެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

މަސްކް ކުރި ޕޯސްޓެއްގައި ބުނީ، ފުރަތަމަ ފަހަރަށް އިންސާނާކަށް ނިއުރަލިންކުން އިމްޕްލާންޓް ހެދި ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އިބުތިދާއީ ނަތީޖާތަކުން ފެންނަނީ އުއްމީދީ ކުރިއެރުންތަކެއް ކަމަށް އޭނާ ބުންޏެވެ.

އެ ކުންފުނީގެ ފުރަތަމަ ބީސީއައި ޕްރޮޑަކްޓްގެ ނަމަކީ 'ޓެލެޕަތީ'އެވެ. މި ބަހުގެ މާނައަކީ އިތުރު އެއްވެސް ހިއްސެއްގެ ބޭނުންކުރުމެއް ނެތި، ސީދާ ހިޔާލުތަކުން މުއާމަލާތުކުރުމެވެ.

ބްރެއިން ޗިޕެއް މީހެއްގެ ގައިގައި ހަރުކުރުމުން އޭނާގެ ވިސްނުން އެ ޗިޕުން ކޮންޓްރޯލް ކުރާއިރު، ކޮމްޕިއުޓަރެއް ނުވަތަ ސްމާޓްފޯނެއް ކޮންޓްރޯލް ކުރުމުގެ ކުޅަދާނަކަން ފަދަ އެތައް ޤާބިލުކަމެއް އޭނާއަށް ލިބެއެވެ.

މީގެ ކުރިން 2021 ވަނަ އަހަރު އެ ކުންފުނިން ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއިން ފެންނަނީ ޗިޕެއް އިމްޕްލާންޓް ކުރުމަށް ފަހު، އޭނާގެ ސިކުނޑިން ޕިންގް-ޕޮންގް ގޭމެއް ކޮންޓްރޯލް ކުރާ މަންޒަރެވެ.

އިންސާނުން ބޭނުންކޮށްގެ ޓެސްޓްތައް ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރު ނިއުރަލިންކަށް ހުއްދަ ލިބުނު ނަމަވެސް، 2022 ވަނަ އަހަރު އެ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ހުށަހެޅި އެޕްލިކޭޝަން ވަނީ ބޭރުކޮށްލައިފައެވެ. އޭރު ރެގިއުލޭޓަރީ ބޮޑީން ވަނީ "ޑިވައިސްގެ ލިތިއަމް ބެޓެރީ"ގައި ހިމެނޭ ސަލާމަތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އިމްޕްލާންޓްގެ ކުދިކުދި ވަޔަރުތައް ސިކުނޑީގެ އެހެން ސަރަހައްދުތަކަށް ހިޖުރަކުރުމުގެ ފުރުޞަތު އޮތް ކަމަށާއި، އަދި ސިކުނޑީގެ ޓިޝޫތަކަށް ގެއްލުން ނުދީ ޑިވައިސް ނައްތައިލެވިދާނެތޯއާއި އަދި އެކަން ކުރާނީ ކިހިނެއްތޯ އޭރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ފުރަތަމަ 2019 ވަނަ އަހަރުގެ ޕްރެޒެންޓޭޝަނެއްގައި މަސްކް ވަނީ ނިއުރަލިންކް ބީސީއައި އެކުލެވިގެންވަނީ ތުނި ރަން ނުވަތަ ޕްލެޓިނަމް ކޮންޑަކްޓަރަކާ އެކު ޕޮލިމައިޑުން ކަމަށް ބުނެފައެވެ.

މި ތަކެތި ސިކުނޑިއަށް ވައްދާފައިވަނީ ސާޖިކަލް ރޮބޮޓަކުން ކުރި އޮޓޮމެޓިކް ޕްރޮސެސްއަކުންނެވެ. މި ޗިޕްގައި ގިނަ އަދަދަކަށް އަލްޓްރާ ތިން ނޯޑިއުލްސް ހުންނައިރު ޕްރޮބްސް ނަމަކަށް ކިޔާ ވަޔަރުތަކެއް ވެސް ހުރެއެވެ. މި ޕްރޯބްތަކުގެ ނިމުންތަކުގައި ސިކުނޑީގައި ހުންނަ އިލެކްޓްރިކަލް ސިގްނަލްތައް ދެނެގަނެ ކިޔުމުގެ ގާބިލުކަން ލިބިފައިވާ އިލެކްޓްރޯޑްތައް އެކުލެވިގެންވެއެވެ. އެހެންކަމުން މި ސިގްނަލްތައް ވަޔަލެސްކޮށް ޑިވައިސްއަކަށް ފޮނުވައިލުމުން އެ މެސްޖްތައް އެ މީހާއަށް ރަނގަޅަށް ދޭހަކޮށްދެއެވެ.

މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ޖަނަވާރުންގެ ގިނަ ޓެސްޓުތަކެއް ހަދައި، މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ބުނެފައެވެ.

އިންސާނެއްގެ ގަޔަށް ބްރެއިން ޗިޕް އިމްޕްލާންޓެއް ހެދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ނަމަވެސް މި ޕްރޮޑަކްޓްގެ ކާމިޔާބީ ދެނެގަނެވޭނީ ދިގު މުއްދަތަކަށް އެ ޑިވައިސް ކުރާ މަސައްކަތާއި ސައިޑް އިފެކްޓްތައް ދެނެގަނެ އެކަން ކުޑަކުރުމުންނެވެ.

comment ކޮމެންޓް