ޗައިނާ ސަރުކާރުން ރާއްޖެއަށް ޓޭބަލް ޓެނިސް ކުޅޭ ސާމާނު ހަދިޔާކޮށްފިއެވެ.
މާލޭ ޓީޓީ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ކުޅިވަރު ސާމާނާ ހަވާލުވެވަޑައިގެންނެވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސާމާނުތައް ހަދިޔާކުރެއްވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮން ލީ ޝިންއެވެ.
ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާއެކު ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަކަށް ގެނެސްދިނުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭނެ ކަމަށާއި މިއަދު ވެދެވުނު އެހީއާއެކު ރާއްޖޭގެ ޓޭބަލް ޓެނިސް އިތުރަށް ކުރިއަރާނެ ކަމަށް އުންމީދުކުރަައްވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ރިޔާޒް ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ކުޅިވަރަށް ދޭ އެހީތެރިކަން އުފަލާއެކު ބަލައިގަންނަ ކަމަށާއި މިއީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
ޗައިނާ ސަރުކާރުން މިއަދު ހަދިޔާ ކުރި ޓީޓީ ސާމާނުތަކުގެ ތެރޭގައި ހިމެނެނީ 10 ޓީޓީ މޭޒާއި، 600 ރެކެޓާއި، 3000 ބޯޅައިގެ އިތުރުން ސްކޯ ބޯޑުތަކާއި ޓައިމްއައުޓް ސައިންތަކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ އިސްވެރިންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވިއެވެ.
ޗައިނާއިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ގައުމީ ޓީމެއް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެއްގައިވެސް ވާދަކުރީ 1973 ވަނަ އަހަރު ޗައިނާގައި ބޭއްވި މުބާރާތެއްގައެވެ.