ވެރިކަމުން ދުރުވުމަށްފަހު ވެސް ޞާލިހު މަސައްކަތް ކުރައްވަނީ އިސްލާމްދީން ބަލިކަށިކުރަން: ޝަހީމް

29 ޖެނުއަރީ 2023 އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން މިއަދު ވަނީ ނިންމަވައިފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ވެރިކަމުގައި ހުންނަވައިގެން ވެސް އަދި ވެރިކަމުން ދުރުވެވަޑައިގަތުމަށްފަހު ވެސް އިސްލާމްދީނަށް ދެކޮޅަށް މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނޫނީ ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މި ފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ އިދިކޮޅު އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި އިއްޔެއިން ފެށިގެން އޭނާ ހިމެނި، މިއަދު އޮތް ވޯޓުގައި އޭނާއަށް ރުހުން ނުދޭން ނިންމުމުންނެވެ.

އެގޮތުން މިއަދު ޝަހީމް އެކްސްގައި ވިދާޅުވީ، "ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވާ،" ކަމަށެވެ.

އިއްޔެ ވެސް މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ޕޯސްޓެއްކުރައްވައިފައެވެ.

https://sun.mv/187975

ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އިން އެތައް އަހަރެއް ވަންދެން އޭނާގެ އަބުރު ކަތިލައި 2018ވަނަ އަހަރު އޭނާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ވެސް ހެދިކަމަށެވެ. އަދި އޭރު އަދައިކުރެއްވި ވަޒީފާއަށް ވެސް ހުރަސް އެޅިކަމަށެވެ.

"އޯއައިސީގެ ވަޒީފާއަށް ހުރަސް އެޅި. އެ ހުރިހައި ކަމެއް ގިރާކޮށް ﷲ ގެ ރަހްމަތުން އިސްލާމީ އުންމަތުގެ ޚިދުމަތުގައި މިހިސާބަށް އައީ،" އޭނާ ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ މިއީ އިސްލާމިކް މިނިސްޓަރުކަން އަދައިކުރައްވައި ތިންވަނަ ފަހަަރުކަމަށާއި ފާއިތުވި ދުވަސްތަކުގައި މިނިސްޓްރީން ކުރި ގިނަ ކަންކަމުގައި އޭނާގެ ހިއްސާ އޮންނާނެކަމަށެވެ.

https://sun.mv/188027

އަދި މިއަދު ރުހުން ނުދިން ނަމަވެސް އޭނާ ކުރައްވާ ޚިދުމަތަށް ބަދަލު ނާންނާނެކަމަށް ވިދާޅުވިއެވެ.

މިއަދު 31 މެންބަރުން ވަނީ ޝަހީމަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ. އަށް މެންބަރުން ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދީފައެވެ.

comment ކޮމެންޓް