ރައްޔިތުންގެ މަޖިލީހުގައި މިއަދު ދައުރުން ބޭރު ޖަލްސާއެއް ބޭއްވިއިރު، މަޖިލީހުގެ ގެ ކައިރީގައި މުޒާހަރާކުރި ގަޑީގައި ފުލުހުންނާއި ސިފައިން މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ގެއާއި އެ ގޭގެ ގޯތިތެރެއާއި މަޖިލީހުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހެނީ ދައުލަތު ސަލާމަތީ ޚިދުމަތްތަކުން ކަމަށެވެ.
އެ މައްސަލައިގައިވަނީ، މިއަދު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ގޭގެ ވަށާފާރު މައްޗަށް އަރައި ގޯތިތެރެއަށް އެކި އެއްޗެހި އުކައިފައިވާ ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް ސަލާމަތީ ކަންކައްތައްތަކާ ބެހޭ ކޮމިޓީއަށް މައްސަލަ ހުށަހަޅަނީ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިއަދުގެ ޖަލްސާއަށް ތާވަލުކުރީ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތެވެ. އެކަމަކު، ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނުދީ ހިފަހައްޓައިފައެވެ.
އެ ހަމަނުޖެހުންތަކުގައި ބައެއް މެންބަރުން ގަޔަށް އަތްލައި ހިންގި މާރާމާރީގައި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯވަނީ ފަޅައިިގެން ގޮސްފައެވެ.
ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީން ވަނީ އެ މައްސަލަ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.