އިހަވަންދިއްޕޮޅު ސްޕެޝަލް އިކޮނިމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ތަރައްގީ ކުރަނީ

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް -- ފޮޓޯ/ ރައީސް އޮފީސް

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓެޑް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް، އެ ސަރަހައްދަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި އެކަން ނިންމަވާފައިވާކަން އިއުލާން ކުރެއްވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ވިދާޅުވީ، މި މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދާދި ފަހުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަމަށާއި އެ ކުންފުންޏަށް އެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް ދީފައި ވާކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅު ތަރައްގީ ކުރާނީ މެރިޓައިމް ޚިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތައް މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަކޮށްގެން ސަރުކާރުން އުފެއްފި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދާފައިވަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ އަދި އެމްޓީސީސީ ގުޅިގެންނެވެ.

އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީޚުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެއެވެ.

comment ކޮމެންޓް