އުފަންވިތަނާ ވިއްކާލި ދެބެއިން ބައްދަލުވީ ޓިކްޓޮކުން

އުފަންވުމާ އެކު މައިމީހާއަށް ސިއްރުން ވިއްކާލި އަނޯއާއި އެމީ-- ފޮޓޯ/ބީބީސީ ނިވްސް

އުފަންވުމާއެކު ވަގަށް ނަގައި ބަޔަކަށް ވިއްކާލި އެއްމާބަނޑު ދެބެއިން އެތައް އަހަރަށް ފަހު ޓިކްޓޮކް ވީޑިއޯއެއް މެދުވެރިކޮށް އަލުން ބައްދަލުވެއްޖެއެވެ.

ޔޫރަޕްގެ ޤައުމެއް ކަމަށްވާ ޖޯޖިއާއަށް ނިސްބަތްވާ މި ދެ އަންހެން ކުދިން އުފަންވިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ކުދިންގެ މަންމަގެ އަތުން ވަގަށް ނެގުމަށްފަހު އެހެން އާއިލާއަކަށް ވަނީ ވިއްކާލާފައެވެ. އޭގެ އެތައް އަހަރެއް ފަހުން ދެބެއިން އެކަކު އަނެކަކު ދެނެގަތީ ޓެލެންޓް ޝޯވްއަކާއި ޓިކްޓޮކް ވީޑިއޯއެއްގެ ސަބަބުންނެވެ. މި ދެ ބެއިންނަކީ 2005 ވަނަ އަހަރުގެ ތެރޭ ހިނގި ހާދިސާގެ ޝިކާރައަކަށްވި ދެ ކުދިންނެވެ.

އަނޯ އާއި އެމީ ކުޑައިރު-- ފޮޓޯ/ބީބީސީ ނިވްސް
މި ހާދިސާއަށް ފަހު ޖޯޖިއާގެ ހޮސްޕިޓަލުތަކުގައި ވިހާ އެތައް ހާސް ކުދިންނެއް އެ ކުދިންގެ މައިންބަފައިންނަށް ނޭނގި ވިއްކުމުގެ ޢަމަލު ބަޔަކު މީހުން ހިންގާކަން ވަނީ ފަޅާއަރާފައެވެ. މިކަން ހިނގިގޮތުގެ ޖަވާބު މި ދެބެއިން ބޭނުންވި ނަމަވެސް އެ ކަމަށް އަދިވެސް ރަސްމީ އިދާރާއަކުން ޖަވާބު ދީފައެއް ނުވެއެވެ. އެމީއާއި އަނޯ އެކަކު އަނެކަކު ދަނެގޮތް ގޮތުގެ ވާހަކަ ފެށިފައިވަނީ ޢުމުރުން 12 އަހަރުގައެވެ. އެމީއާ ވައްތަރު އެހެން ކުއްޖަކު ޖޯޖިއާގެ މަޝްހޫރު ގޮޓް ޓެލެންޓް ޝޯގައި ބައިވެރިވި ހިސާބުންނެވެ. އޭރު އެ ވާހަކަ އޮއްބައިލީ އެއީ ވައްތަރު މީހެއް ކަމަށް ބުނެއެވެ.

އެކަމަކު، އޭގެ ހަތް އަހަރު ފަހުން އެމީއާ އެއްމާބަނޑު އަނޯގެ ރައްޓެހިންގެ ފަރާތުން ލިބުނު ޓިކްޓޮކް ވީޑިއޯއާއެކު އެމީ ހޯދުމުގެ މަސައްކަތް ރަސްމީކޮށް އަނޯ ދިޔައީ ކުރަމުންނެވެ. ފޭސްބުކް މެދުވެރިކޮށް ދެ މީހުން އަލުން ބައްދަލުވުމާއެކު ދެ މީހުންގެ ވެސް ވަރަށް އެއްގޮތް ކަންތައްތައް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އަނޯ އާއި އެމީގެ މަންމަ-- ފޮޓޯ/ބީބީސީ ނިވްސް
އެމީއާއި އަނޯ ބައްދަލުވުމަށް ފަހު ދެ މީހުންގެ މާޒީގެ ކަންކަން ހޯދުމުން އެނގުނީ ދެ މީހުންގެ އަތުގައި ވެސް އޮތް އުފަންދުވަހުގެ ސެޓްފިކެޓްތަކުގައި ހުރީ ގޯސް މައުލޫމާތުތައް ކަމެވެ. އެމީގެ މިހާރުގެ އާއިލާއަށް އެމީ ލިބުނީ އެ އާއިލާއަށް ދަރިން ނުލިބުމުގެ ހިތާމައިގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ފައިސާ ދީގެން އެމީއާއި އަނޯ ގަތުމަށް ފަހު އެ ދެ ކުދިން ވެސް ވިއްކާލާފައިވަނީ ޤާނޫނާ ހިލާފަށް ކަމެއް ދެ އާއިލާއަކަށް ވެސް ނޭނގޭއެވެ. ފޭސްބުކް މެދުވެރިކޮށް އެމީއާއި އަނޯގެ އުފަން މަންމަ ދެބެއިން ހޯދާފައިވާއިރު ފަހުން އެނގުނު ގޮތުގައި ހޮސްޕިޓަލުން ދެ ބެއިންގެ މަންމަ ގާތު އޭރު ބުނެފައިވަނީ ވިހެއުމާ އެކު ދެ ކުދިން ވެސް މަރުވެފައިވާ ކަމަށެވެ.

އެމީއާއި އަނޯގެ މި ބައްދަލުވުމުގެ ޚަބަރުތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށުމާ އެކު މި ފަދަ ގިނަ ކުދިން އަންނަނީ އެ ކުދިންގެ އަސްލު އާއިލާ ހޯދުމަށް އެކި ޕްލެޓްފޯމްތަކުގައި ބަހުސް ކުރަމުންނެވެ.

އެމީއާ ބައްދަލުވުމުގެ މާ ކުރިން ވެސް އަނޯއަށް އަންހެން ކުއްޖަކު ހުވަފެނުގައި ފެންނަކަމަށާއި ދިރިއުޅުމުގައި ކޮންމެ ވެސް އެކަކު މަދުކަމުގެ އިހުސާސް އަބަދު ވެސް ކުރެވޭ ކަމަށް އަނޯ ވަނީ ބުނެފައެވެ. ނަމަވެސް އެމީއާ ބައްދަލުވުމާ އެކު ދިރިއުޅުމުން އެ ފަޅުކަން ފިލައިފިކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް