ހާޝިމް ވަކިކޮށް، އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރުގެ ނަން ފޮނުއްވައިފި

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު: އޭނާ ގަވަރުނަރު ކަމަށް އައްޔަން ކުރަން ނަން ވަނީ ހުށަހަޅުއްވާފައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކޮށް، އެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ، ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނީ މިއަދެވެ.

ރައީސް އޮފީހުން ބުނީ، މަޖިލީހުގެ ލަފާގެ މަތިން ރައީސް، ހާޝިމް މަގާމުން ވަކިކުރައްވައިފައިވާ ކަމަށެވެ. އަދި ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، މަޖިލީހަށް ހުށަހަޅުއްވައިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުނައްވަރު މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އެއީ އެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، 2016 ވަނަ އަހަރު ނައިބު ރައީސް ކަމަށް އައްޔަންކުރުމުންނެވެ.

ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން މިއަދު ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ ނުވަ މެންބަރުންނެވެ.

ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

https://sun.mv/194604

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

comment ކޮމެންޓް