ގިނަ އާޓިސްޓުންނާއެކު އަންވެއިލިން ވިޝަންސް އަންނަ ހަފުތާ

"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަންގެ ފަންނުވެރިންގެ ހުނަރުތަކުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ގިނަ ދިވެހި އާޓިސްޓުންގެ ހުނަރުތައް ދައްކާލުމަށް ބާއްވަމުން އަންނަ "އަންވެއިލިން ވިޝަންސް" އާޓް މައުރަޒު އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވަމުން އެބަ ދެއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އާޓް މައުރަޒަކީ ތަފާތު މީޑިއަމްގެ އާޓްތައް ދައްކާލުމަށް އާޓިސްޓުންނަށް ލިބޭ ބޮޑު ޕްލެޓްފޯމެކެވެ.

މެކްގެ އަށްވަނަ އާޓް މައުރަޒު ފެށުމަށް ތައްޔާރީތައް ވަމުންދާއިރު މި މައުރަޒު ފަށާނީ މި މަހުގެ ނުވައެއް ވާ އަންގާރަ ދުވަހުގައެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރަކު ވެސް އަންވެއިލިން ވިޝަންސް އިވެންޓަށް ގިނަ އަދަދެއްގެ އާޓިސްޓުންގެ އާޓްތައް ހުށަހަޅައެވެ. މިއަހަރު ވެސް ގިނަ އަދަދަކަށް އުފެއްދުންތައް އިވެންޓުން ފެނިގެންދާނެ ކަމަށް މެކް އިން ބުނެއެވެ.

މިދިޔަ އަހަރުގެ އަންވެއިލިން ވިޝަންސް ބާއްވާފައިވަނީ އޯގަސްޓު މަހުގައެވެ. އަދި އެ އިވެންޓުގައި 80 އަށް ވުރެ ގިނަ އާޓިސްޓުންގެ އުފެއްދުންތައް ވަަނީ ދައްކާލާފައެވެ. ލަފާ ކުރެވޭ ގޮތުގައި މިއަހަރުގެ އިވެންޓުގައި އެއަށްވުރެ ގިނަ އަދަދަކަށް އުފެއްދުންތައް ފެނިގެންދާނެއެވެ.

https://www.instagram.com/p/C810ke8J5Ee

މި އިވެންޓަށް ހުށަހަޅާ އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކަށް ވަނަތައް މިއަހަރުވެސް ދޭނެއެވެ.

މިދިޔަ އަންވެއިލިން ވިޝަންސް އަށް ވަނުމަށްޓަކައި 25 ރުފިޔާގެ ފީއެއް ނަގާފައިވެއެވެ. އެހެންވީމާ މިއަހަރުގެ އިވެންޓަށް ވަނުމަށް ވެސް ފީއެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. މި މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10ގެ ނިޔަލަށެވެ.

comment ކޮމެންޓް