އެންމެ ބޮޑު ކްރޫޒް ލައިނާ ނިމިއްޖެ، އާންމުން ފާޑުކިޔަނީ

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު ކްރޫޒް ލައިނާ ބޯޓުގެ މަސައްކަތް ނިންމާލައި ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

"އައިކަން އޮފް ދަ ސީސް"ގެ ނަން ދީފައިވާ މި ކްރޫޒް ލައިނާ ބަނދެ އެއަށްފަހު ކަނޑުގައި ފުރަތަމަ ފަހަރަށް ވަނީ ޓެސްޓު ދަތުރުތަކެއް ކޮށްފައެވެ. މި ޓެސްޓު ދަތުރުތައް ކާމިޔާބު އިރު މިހާރު މި ޓެސްޓުތަކާ އެކު އާންމުން ގޮވައިގެން ދަތުރު ކުރުމަށް ބޯޓު ރެޑީ ކަމަށް ބޯޓު އުފެއްދި ކުންފުނިން ވަނީ ބުނެފައެވެ.

މި ބޯޓުގެ ދަތުރުތައް ރަސްމީކޮށް މި ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު އެއް ބޯޓެއްގެ ތެރޭގައި އެންމެ ގިނަ އަދަދަށް މީހުން އަރުވައިގެން ދަތުރުކުރާ ބޯޓަށް އައިކަން އޮފް ދަ ސީސް ވެގެން ދާނެއެވެ.

މި ބޯޓަކީ ކްރޫޒްލައިނާގެ ދަތުރުތައް ކުރާ ކުންފުންޏެއް ކަމަށްވާ "ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލް" އަށް ތައްޔާރުކޮށްދީފައިވާ ބޯޓެކެވެ. ކްރޫޒް ލައިނާގެ މަސައްކަތްތައް ނިމިފައިވާއިރު އެ ކުންފުންޏާ ބޯޓު ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އައިކަންގެ ދިގުމިނުގައި 365 މީޓަރު (1،200 ފޫޓު) އަދި 250،000 ޓަނު ބަރުދަނުގައި ހުންނާނެއެވެ. މިއީ ޓައިޓޭނިކްގެ ބޮޑު މިނަށް ބަލާ ނަމަ ޓައިޓޭނިކްގެ ފަސް ގުނަ ބޮޑު ބޯޓެކެވެ.

މި ބޯޓުގައި އެއް ވަގުތެއްގައި 10،000 އާ ގާތް ކުރާ އަދަދަށް ފަސިންޖަރުން ގޮވައިގެން ދަތުރު ކުރެވޭނެއެވެ.

މިހާތަނަށް އުފައްދާފައިވާ މިފަދަ ބޮޑު ބޯޓު ތަފާތު ރިކޯޑުތައް މުގުރަމުން އަންނައިރު އާންމުންގެ ފަރާތުން މިކަމަށް އެކި ކަހަލަ ފާޑު ކިޔުން ރައްދުވަމުން އެބަދެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ އެހާ ބޮޑު ބޯޓެއްގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ގެއްލުމާ މެދުގައެވެ. އަދި އެކި ކަހަލަ އިސްރާފު ކުރުމުގެ މިންވަރު ވެސް އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށް އެތައް ބަޔަކު ބުނެއެވެ.

ފިންލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޓުރުކޫން މި ބޯޓުގެ މަސައްކަތް ކޮށްފައިވާއިރު މި ބޯޓުގައި ޖުމްލަ 20 ޑެކް ހުންނާނެއެވެ. މި 20 ޑެކުގެ ތެރޭގައި އެކި ބައި ބައިގައި ޖުމްލަ ހަތް ސްވިމިން ޕޫލް ހުރި އިރު 40 އަށް ވުރެ ގިނަ ރެސްޓޯރެންޓް އަދި ބާ ވެސް މި ބޯޓުގައި ހުންނާނެއެވެ.

comment ކޮމެންޓް