ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދަން، އެޓޮމިކް އެނާޖީ އޭޖެންސީގައި ބައިވެރިވަނީ

ފޮރިން މިނިސްޓަރު: ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދަން، އެޓޮމިކް އެނާޖީ އޭޖެންސީގައި ބައިވެރިވަން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދުމަށް، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގައި ބައިވެރިވާން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އައިއޭއީއޭގައި ބައިވެރިވުމަށް މިއަދު ކެބިނެޓުން ނިންމައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 178 ގައުމު ބައިވެރިވާ އެ އޭޖެންސީގައި މިހާރު މި ސަރަހައްދުން ބައިވެރިނުވެ އޮތީ ރާއްޖެއާއި ބޫޓާން އެކަނި ކަމަށެވެ.

ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް ހުޅުވައި، ޚިދުމަތް ލިބޭނެ ގޮތް ހެއްދެވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އެކަމަށްޓަކައި މިހާރު މި ޒަމާނުގެ މެޑިސިންގައި ވަރަށް ބޮޑަށް ބޭނުންވޭ އެޓޮމިކް އޭޖެންސީގެ އެހީތެރިކަން އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި މީގެ ވޭސްޓް މެނޭޖްމެންޓް ކުރުމާއި މި ކަންކަމަކީ އަސްލުގައި އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެ އޭޖެންސީއާ ގުޅުމުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެންކޮށް، އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީން ކަމަށް ކެބިނެޓުން ކަނޑައަޅައިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެނގިވަޑައިގަންވާނެ މިހާރު ދުނިޔެއަށް އަންނަ ބަދަލަށް ބަލާއިރުގައި އެޓޮމިކް އެނާޖީއާ ދިމާލަށް ދުނިޔެ ދިޔުމުގެ ފުރުސަތު އެބައޮތް މިހާރު މިހިރަ ރިނުއަބުލް އެނާޖީ އަދި ހައިޑްރޯކާބަން ދުނިޔޭގައި ބޭނުންކުރުން މަދުކުރުން މިކަންކަމާ ކުރިމަތިވެގެންދާނެ، އެހެންވީމަ ރާއްޖެ ވެސް މީގައި ބައިވެރިވެގެން މީގެއިން ލިބެން ހުރި ބެނެފިޓްތައް ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ،" އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އައިއޭއީއޭއާ ގުޅޭ ކެބިނެޓްގެ ނިންމުން ދެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، އެކަމަށް މަޖިލީހުން ރުހުން ދިނުމުން، އެ އޭޖެންސީއާ ގުޅުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކެންސަރު ހޮސްޕިޓަލު ނިމެންވާއިރަށް އެ އޭޖެންސީގައި ބައިވެރިވެވި، އައިއޭއީއޭއިން ލިބެންވީ ފައިދާތައް ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އެކަމަކު، ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

https://sun.mv/188674

މި ސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކޮށް، ގަމުގައި ނަފުސާނީ ސިއްހަތުގެ ހޮސްޕޮޓަލް އަޅަން ނިންމައިފައެވެ. އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރަނީ އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި ކަމަށް ހެލްތު މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް