ޖަޕާނަށް ނިސްބަތްވާ އަންހެނުން ބައިވެރިވެ ވަނައެއް ހޮވާ މިސް ޖަޕާން މުބާރާތުން މި އަހަރު އެއްވަނައަށް ޔޫކްރެއިންގެ މޮޑެލްއެއް ގޮސް އާންމުންގެ ފާޑުކިޔުން ރައްދުވާން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ކުރިއަށް ދިޔަ މިސް ޖަޕާން މުބާރާތަކީ ކޮންމެ އަހަރަކު އެއް ފަހަރު ކުރިއަށްދާ ބިއުޓީ ޕެޖެންޓް މުބާރާތެކެވެ. މި މުބާރާތުން އެއްްވަނައަށް ހޮވޭ ބައިވެރިޔަކު މިފަދަ ބިއުޓީ ޕެޖެންޓުތަކުގައި ގައުމު ތަމްސީލު ކުރާނެއެވެ. އެއިން ބައެއް މުުބާރާތްތަކަކީ "މިސް ވޯލްޑް" އާއި "މިސް ޔުނިވާސް" އެވެ.
މިފަދަ ސަބަބުތަކާ ހެދި އެ ގައުމު މިސް ބިއުޓީ ޕެޖެންޓުގައި ބައިވެރިވަނީ އެ ގައުމަށް ނިސްބަތްވާ މީހުންނެވެ.
ނަމަވެސް ދާދި ފަހުން ނިމިގެން ދިޔަ މިސް ޖަޕާން ކޮންޓެސްޓުގައި ވަނީ ޔޫކްރެއިނަށް ނިސްބަތްވާ މޮޑެލް އެއް ކަމަށްވާ އުމުރުން 26 އަހަރުގެ ކެރޮލައިނާ ޝީނޯ ބައިވެރިވެފައެވެ. އަދި، މުބާރާތުން އެއްވަނަ އަށް ގޮސް މި އަހަރުގެ މިސް ޖަޕާންގެ ލަގަބު ވަނީ އޭނާއަށް ލިބިފައެވެ.
މުބާރާތް ކުރިއަށް ގެންދިޔަ ފަރާތްތަކުން ބުނާގޮތުގައި މިއީ މި އަހަރުގެ މިސް ޖަޕާނަށް އެންމެ އެކަށީގެންވާ މޮޑެލް އެވެ. އަދި ހުރިހާ ގޮތަކުން ވެސް ޝަރުތު ހަމަވަނީ ކެރޮލައިނާ ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ޖަޕާނުގެ އާންމުންގެ ތެރޭގައި މުބާރާތަށް ވަނީ ބޮޑު ފާޑު ކިޔުމެއް ލިބިފައެވެ. އަދި މިފަދަ މުބާރާތެއްގައި ގައުމެއް ތަމްސީލު ކުރަން ދާއިރު ގައުމުގެ ސަގާފަތާއި އާދަކާދަތައް ރަނގަޅަށް ނޭނގޭ މީހަކަށް އެފަދަ މަގާމެއް ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އަދި ޖަޕާނުގެ އަންހެނުންނަށް ލިބެންވީ އެވޯޑެއް ޔޫރަޕުގެ ސިފަތައް ހުންނަ މީހަކަށް ލިބިގެން ދިޔުމަކީ ވެސް ގިނަ ބަޔަކަށް މާ ބޮޑަށް ހަޖަމު ވި ކަމެއް ނޫނެވެ. ނަމަވެސް މިކަމާ ގުޅިގެން މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.