އެކި ކުލައިގައި ސްޕޮންޖު ހުންނަނީ ކީއްވެކަން އެނގޭތަ؟

ސާފުކުރަން ގަންނަ ސްޕޮންޖު އެކި ކުލައިގައި ހުންނަނީ ވަކި ކަންކަމަށް ސާފުކުރުމަށް އެ ބޭނުންކުރަން ފަސޭހަކުރުމަށް--ފޮޓޯ/ޕިންޓްރެސްޓް

ގެއަށް ސާފުކުރުމަށް ގަންނަ ސްޕޮންޖުތަކަކީ ގޭތެރެ ސާފުކުރުމުގެ ކަންކަން އިންތިޒާމުކޮށް ގޭގެ ސާފުތާހިރުކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކުރަން ބޭނުންކުރާ އެންމެ މުހިންމު އެކައްޗެވެ. ސްޕޮންޖުގެ އެކި ވައްތަރުތަކާއި އުފެއްދުންތައް ބާޒާރުން ލިބެން ހުންނައިރު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ ސަމާލުކަން ހޯދާފައިވަނީ އެކި ކުލަކުލައިގައި ވިއްކަން ހުންނަ ވައްތަރުގެ ސްޕޮންޖު ބޮނޑިތަކެވެ.

ސާފުކުރުމަށާއި ތަށި ދޮވުމަށް ކޮންމެ ވައްތަރެއްގެ ނުވަތަ ކުލައެއްގެ ސްޕޮންޖު ބޭނުން ކުރިޔަސް ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ ސާފުތާހިރުކަން ކަށަވަރުކޮށް ބެކްޓީރިއާ ފަދަ ޖަރާސީމުތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމެވެ. މި ހުރިހާ ކަމަކާ މެދު ވިސްނާލާއިރު ކޮންމެ ސްޕޮންޖެއްގައި ވަކި ކުލައެއް ހުންނަނީ ކީއްވޭބާއޭ ހިތަށް އަރާ ސުވާލު އުފެދޭ ހެއްޔެވެ؟

ގޭގައި ދޮންނަ ހުރިހާ އެއްޗެއް އަދި ސާފުކުރުމަށް އެއް ސްޕޮންޖެއް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

މީގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތަކީ ގޭތެރެ ރަނގަޅަށް ސެނިޓައިޒްކުރަން އެހީތެރިވެދޭ ޚާއްސަ ކޯޑިން ސިސްޓަމެއް އޭގައި އޮތުން ކަމަށް ވެބް ކޮންޓެންޓް އެޑިޓަރު އީލާރީއަ ކަނޭވާރަ ބުނެފައިވެއެވެ. އީލާރިއާ މި ކަމާ ގުޅިގެން ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ އާއްމުކޮށް ބާޒާރުން ފެންނަ ކުލަކުލައިގެ ސްޕޮންޖުތަކުގެ ތެރެއިން ކޮންމެ ކުލައެއް ވެސް ރަމްޒުކޮށްދެނީ ވަކި ކަހަލަ ތަކެތި ސާފުކުރަން ކަމަށެވެ.

މިސާލަކަށް ރަތް ކުލަ، އޮރެންޖު އަދި ފިޔާތޮށި ކުލައިގެ ސްޕޮންޖުތަކަކީ ކައްކަން ގެންގުޅޭ އެކި ކަހަލަ ތެއްޔާއި ތަވާ ހަޑިވެ ސާފުކުރަން އުނދަގޫވުމުން ބޭނުންކުރެވިދާނެ ކުލަތަކެކެވެ. ފެހިކުލައިގައި ހުންނަ ސްޕޮންޖުތަކަކީ އާދައިގެ މިންވަރަކަށް އޭގެ މެޓީރިއަލް ހަރުކޮށް ހުންނަ ވައްތަރެކެވެ. އެހެންކަމުން އާންމުކޮށް މި ކުލަ ބޭނުންކުރަނީ ކެއުމަށް ބޭނުންކުރާ ތަށިތަކާއި ސަމުސާ އަދި އޫ ދޮވުމަށެވެ.

އެކި ކުލަތަކުން ސްޕޮންޖު ހުރުމަކީ އޭގެ ބޭނުންތައް އެކި ކަންކަމަށް ބަހާލަދިނުމަށް ވެސް ފަސޭހަވާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

ރީނދޫ ކުލައިގައި ހުންނަ ސްޕޮންޖަކީ ތަންކޮޅެއް މަޑުކޮށް ހުންނަ ވައްތަރެއް ކަމުން މި ކުލައިގެ ސްޕޮންޖު ބޭނުންކުރަން އެންމެ ރަނގަޅީ ގޭތެރޭގައި ގެންގުޅޭ ތަކެއްޗާއި ތަނުގެ ކައިރިފަށް ސާފުކުރުމަށާއި ސިންކު ސާފުކުރުމަށެވެ. ދެން އެންމެ އާންމުކޮށް ހުންނަ ކުލަ ކަމަށްވާ ނޫ ކުލައިގެ ސްޕޮންޖަކީ ބިއްލޫރި އަދި ސްޓާންލެންސް ސްޓީލްގެ ތަކެތި ސާފުކުރުމަށް އެންމެ ރަނގަޅު ކުލައިގެ ސްޕޮންޖެވެ.

ކޮންމެ ކުލައެއްގެ ނުވަތަ ކޮންމެ ވައްތަރެއްގެ ސްޕޮންޖެއް ބޭނުންކުރިޔަސް އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ތަކެތި ނޫންކަމުން ގޭގައި ބެކްޓީރިއާ އުފެދުން ހުއްޓުވުމަށް ސާފުކުރަން ގެންގުޅޭ ސްޕޮންޖު އަވަސް އަވަހަށް ބަދަލު ކުރުމަށް އިސްކަން ދޭންވާނެއެވެ.

comment ކޮމެންޓް