ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ ބާއްވާފައި ވާއިރު، މި ޖަލްސާއަކީ، ޖަލްސާ އެ ޅެންވެރިއަކަށް ޚާއްސަވާ އަބްދުﷲ އަފީފް (އަފީއްބެ)އަށް ގިނަގުނަ އުފާވެރި އިހުސާސަތަކެއް ގެނުވި ޖަލްސާއެކެވެ.
ޅެންވެރިކަމަށް އަފީއްބެ ކޮށްދެއްވައިފައިވާ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް، މި އަހަރުގެ ޅެންވެރީންގެ ދުވަސް، ދިވެހިބަހުގެ އެކެޑަމީއިން ޚާއްސަކޮށްފައިވަނީ އަފީއްބެއަށެވެ.
އަފީއްބެގެ އުފަން ރަށް، ތިނަދޫގައި ބޭއްވި މި ޚާއްސަ ޖަލްސާ އަކީ އޭނާއަށް ޚާއްސަ ޖަލްސާއެއްކަން އެނގުނީ، އަގުވަޒަންކުރުމުގެ ގޮތުން ޖަލްސާގައި ގެނެސްދިން ވަކިވަކި އައިޓަމްތަކާއެކު އަފީއްބެގެ ލޮލުން ފާއްދާލި ކަރުނައިގެ ސަބަބުންނެވެ.
މީގެ ތެރެއިން ވެސް ގިނަ އައިޓަމްތަކަކަށްފަހު އެންމެ ޚާއްސަ ހަރަކާތް އޮތީ އެންމެ ފަހަށެވެ. މި ހަދިޔާ އަފީފަށް ވަރަށް ޚާއްސައެވެ. ކުރިއަށް އޮތީ ކޮން ހަރަކާތެއްކަން ނޭނގި ހުއްޓާ ކުރިމަތީ އޮތް ސްޓޭޖު ފުރާލީ، ދަރިންނާއި ކާފަ ދަރީންނެވެ.
އުފާވެރިކަމުގެ އެތައް އިހުސާސެއް ގެނުވައި، ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދާލީ އެ ކުދިން ހުށަހަޅައިދިން ރީތި އަސަރުގަދަ ލަވައިގެ ސަބަބުންނެވެ.
އަފީއްބެގެ އެންމެ "ހިޓު" އެއްލަވަ ކަމަށްވާ "ރޫޙު ވަނީ ތިނަދޫގައޭ" މި ރާގަށް ހުށަހަޅައިދިން "އަލި ދޯދިން ފަޒާ ވިދާލީ" މި ލަވައާއެކު އަފީފްގެ ލޯ ވިދާލީ އުފަލުގެ ކަރުނައިންނެވެ.
ފަހަރުގައި މިއީ، ސްކޫލު ކުދިންގެ ލަވަ މުބާރާތްތަކަށް ދަރިވަރުންނަށް ޅެން ހައްދަވައިދެއްވި އަފީއްބެއަށް އާ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެ ކުދީންގެ ބައްޕަ ނުވަތަ ކާފަކަމަށްވާ އަފީއްބެ، ހީ ވެސް ނުކުރާހާ، އުފާވެރި ހުށަހެޅުމަކަށް ވެދާނެއެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޅެންވެރިޔާ މުޙައްމަދު އާމިރު އަހްމަދު (ފަރެސް) ވަނީ، އަފީފު ހެއްދެވި ރީތި އެތައް ޅެމެެއްގެ ހަނދާން އާކުރައްވާފައެވެ.
"އަޅުގަނޑުމެން ރިޕޯޓުތަކާ އެކި ކަންކަމުން ފާހަގަކުރި ދާއިރާތަކުގެ ތެރެއަށް ހުވަދޫ އަތޮޅުގެ ސިޔާސީ މަޝްރަހުގައި ވެސް އަފީފުބެގެ ޅެންވެރިކަމަކީ ނުފޫޒުގަދަ އަޑެއް. އެކަން އަޅުގަނޑަށް އިނގެނީ އެއް ލަވައެއްގައި އާދޭ، "ފަރެހު ގާޒީ" ކުރި ނިޔާއެއްގެ ވާހަކަ. އެވަރުން ފުދޭ،" އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަފީފުގެ ޅެންތަކަކީ އެއްވެސް ކޮޕީއެއް އޭގައި ނުވާ ފުރިހަމަ ޅެންތަކެއް ކަމަށެވެ.
މި ޖަލްސާގައި އަފީފްގެ ޅެން ފޮތެއް ވެސް ވަނީ ނެރެދެއްވާފައެވެ. ޅެން ފޮތް ނެރެދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ އަފީފް ލިޔުއްވި ދިވެހީންގެ ގައުމީ ލޭ ހޫނުކޮށްލި އެއް ޅެން ކަމުގައިވާ "ގައުމީ ގޮވުމަށް އިޖާބަދޭން، ކެރިގެން ދާނަން ފުރާނަ ދޭން" މި ޅެމުގެ ބައިތެކެވެ.