ޕީޕީއެމް، ޕީއެންސީން މިއަދު ބާއްވާ ޕްރައިމަރީގައި ބައެއް މަރުކަޒުތަކުގައި ވޯޓުލާން ފެށުން ލަސްވުމާއި، ހަމަނުޖެހުންތައް އުފެދުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
އެ ޕްރައިމަރީގެ ވޯޓުލުން ފަށަން ހަމަޖެހިފައި އޮތީ 10:00ގައި ކަމަށްވީ ނަމަވެސް، މާލޭގައި އަތޮޅުތަކުގެ ވޯޓު ފޮށި ބަހައްޓާފައި ހުރި ހެންވޭރު ދަނޑުގައި ބައެއް ފޮށިތަކުގެ ވޯޓުލުން ގަޑިއަށް ނުފެށެއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ، ދިމާވި މައްސަލަތަކެއްގެ ސަބަބުން ބައެއް ފޮށިތަކުގައި ވޯޓުލުން ލަސްވި ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް، މިހާރު ހުރިހާ ފޮއްޓެއްގައި ވެސް ވޯޓުލުން ކުރިއަށްދާ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަލާފާނު ސްކޫލްގައި ވޯޓުލުން ކުރިއަށް ދަނިކޮށް ބަޔެއްގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ހެންވޭރު ދަނޑުގައި ކިޔޫ ދިގުވެ, ގިނަ ބަޔަކު ނުރުހުން ފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ހީނާ ވިދާޅުވީ، އާންމުކޮށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ވޯޓުލުން ކުރިއަށްދާއިރު އުފެދޭ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ފަހަރު ހަމަނުޖެހުންތައް ހިނގާ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން "ސަން"އަށް ބުނީ، ވޯޓުލުން ކުރިއަށްދަނިކޮށް ކަލާފާނު ސްކޫލްގައި ހަމަނުޖެހުން ހިނގައިގެން ފުލުހުން އެޓެންޑުވި ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ޕީޕީއެމް، ޕީއެންސީގެ ޕްރައިމަރީ 17:00އާ ހަމައަށް ބާއްވަން ހަމަޖެހިފައިވާއިރު، ހެންވޭރު ފުޓުބޯޅަ ދަނޑާއި ކަލާފާނު ސްކޫލްގެ އިތުރުން ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގެ އިތުރުން، ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓުފޮށިތައް ބަހައްޓާފައިވެއެވެ. އެގޮތުން މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތައް ހިމެނޭ ގޮތަށް 227 ވޯޓު ފޮށި ބަހައްޓާނެކަން ކޯލިޝަނުން ވަނީ އިއުލާންކޮށްފައެވެ.
އެ ޕްރައިމަރީގައި 73 ދާއިރާއަކުން 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ކޯލިޝަނުންވަނީ ބުނެފައެވެ. އެ ދާއިރާތަކަށް 283 ކެންޑިޑޭޓުން ވާދަކުރެއެވެ.
އެ ޕްރައިމަރީ ބާއްވަން ތައްޔާރުވެފައި ވަނިކޮށް، ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލަ ޕާޓީގެ ތެރޭގައި ވަރަށް ހޫނުވިއެވެ. އެގޮތުން ކެންޑިޑެސީ ބާތިލުކުރީ އެކަށިގެންވާ ވަރަށް ޕާޓީއަށް ޚިދުމަތްނުކުރާ ކަމަށް ބުނެއާއި ޕާޓީ ފިތުނަކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
އެކަމަކު، މައްސަލަ ބޮޑުވުމުން ކޯލިޝަން ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހެޅުއްވި ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެއްވޭނެކަން އިއުލާނުކުރައްވައިފައެވެ.