ޕީއެންސީގެ ޕްރައިމަރީ: ވޯޓުލެވޭ 71،000 މީހުން، 283 ކެންޑިޑޭޓުން

ޕީއެންސީގެ އެއްވުމެއްގެ ތެރެއިން: އެ ޕާޓީގެ ޕްރައިމަރީގައި 71،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭ -- ފޮޓޯ/ ނިއުސްލެބު

މާދަމާ ބާއްވަން ހަމަޖެހިފައި އޮތް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.

ދެ ފަހަރެއްގެ މަތިން ތާރީޚު ބަދަލުކުރުމަށް ފަހު، އެންމެ ފަހުން ނިންމާފައިވަނީ އެ ކޯލިޝަންގެ ޕްރައިމަރީ މާދަމާ ބާއްވާށެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ޕްރައިމަރީގެ ވޯޓުލުން މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި، އެ ޕްރައިމަރީގައި ޖުމުލަ 73 ދާއިރާއަކުން 71،597 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާ އޮންނަ ޕްރައިމަރީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 227 ވޯޓު ފޮށި ބަހައްޓާނެއެވެ.

އެގޮތުން، މާލޭގައި އަތޮޅުތަކުގެ ފޮށިތައް ބަހައްޓާނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ. އަދި، ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގެ އިތުރުން، ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓުފޮށިތައް ބަހައްޓާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މާދަމާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ 73 ދާއިރާއަކަށް ބާއްވާއިރު، ޖުމުލަ 283 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޖަލްސާއެއްގައި، ޕީޕީއެމް ޕީއެންސީގެ އިސްވެރިން: އެ ޕާޓީގެ ޕްރައިމަރީ މާދަމާ އޮންނާނެ -- ފޮޓޯ/ އެލީޒް

ފާހަގަކޮށްލެވޭ ގޮތުގައި އެ ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު ވެސް ތިއްބެވި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް އިޚުތިރާމު ކުރެއްވުމުގެ ގޮތުން އެ ތިން ބޭފުޅުން ވާދަކުރައްވައި ދާއިރާއަށް ކެންޑިޑޭޓުން ނުނެރޭން ނިންމައިފައެވެ.

ހަމައެހެންމެ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުގެ ސަބަބުން 13 ބޭފުޅަކަށް ޕީއެންސީގެ ޓިކެޓު ވަނީ ޕްރައިމަރީއަކައިނުލާ ކަށަވަރުވެފައެވެ. އެއީ:

  • ހޯރަފުށީ ދާއިރާ: އަލީ މޫސާ
  • ބާރަށު ދާއިރާ: ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު
  • ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ
  • އޭދަފުށީ ދާއިރާ: މިހާރުގެ ވެސް މެންބަރު އަހްމަދު ސަލީމް
  • މަހިބަދޫ ދާއިރާ: މިހާރުގެ ވެސް މެންބަރު އަހްމަދު ޠާރިގު
  • ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ
  • ތިމަރަފުށީ ދާއިރާ: އިބްރާހިމް ސަނާހް
  • ފޮނަދޫ ދާއިރާ: ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަަބްދުﷲ
  • ހިތަދޫ މެދު ދާއިރާ: ނޫސްވެރިޔާ އަހްމަދު އަޒާން މަރްޒޫގް
  • ހުޅުދޫ ދާއިރާ: ކުރީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)
  • ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުޙައްމަދު
  • ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް
  • ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ފުރަތަމަ ވަނީ ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ. އެގޮތުން، އެކަށިގެންވާ ވަރަށް ޕާޓީއަށް ޚިދުމަތްނުކުރާ ކަމަށް ބުނެއާއި ޕާޓީ ފިތުނަކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ވެސް ފުރަތަމަ ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރިއެވެ.

އެކަމަކު، މައްސަލަ ބޮޑުވުމުން ކޯލިޝަން ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހެޅުއްވި ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެއްވޭނެކަން އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް