ރަށްރަށަށް ރާ އެތެރެވިޔަ ނުދޭން އާ ސީޕީގެ ހާއްސަ ސަމާލުކަމެއް

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު "ސަން"އަށް ދެއްވި އެންމެ ފުރަތަމަ އެކްސްކްލޫސިވް އިންޓަވިއު -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުޙައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގެ ރަށްރަށަށް ރާ އެތެރެވިޔަ ނުދޭން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ފުލުހުންގެ އާ ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަފާރީތަކާ އެ ނޫން ވެސް އުޅަނދުތަކުން ރަށްރަށަށް ބަނގުރާ އެތެރެކުރާ މައްސަލައަކީ އަބަދު ވެސް އިވޭ ކަންބޮޑުވުމެކެވެ. ހާއްސަކޮށް، ހުޅުމާލޭގައި އެ މައްސަލަ ބޮޑެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު 'ސަން'އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކޮމިޝަނަރު ވިދާޅުވީ، ހުޅުމާލޭ ބޭރުގައި އަޅާފައި ހުންނަ ސަފާރީތަކުންނާއި އެ ނޫން ވެސް އުޅަނދުތަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކޮށްގެން އެ ތަކެތި މުޅި މާލެއަށް ފަތުރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ.

އެހެންވެ، އެ ކަންކަން ހުއްޓުވަން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު-- ސަން ފޮޓޯ: އިބްރާހީމް ޝަމްވީލް

"ރާ ހުޅުމާލެއަށް ބޭލި އަދި އެ ތަނުން މުޅި މާލެއަށް ޑިސްޓްރިބިއުޓް ކުރެވިގެންދާ ވާހަކަ އަޅުގަނޑުމެންނަށް އިވި ހުންނާނެ ބައެއް ފަހަރު އެކަހަލަ އޮޕަރޭޝަންސް ވެސް ހިންގާފައި. މިހާރު އެކަން ކުޑަކުރުމަށްޓަކައި ވެސް 24 ގަޑިއިރު ހުޅުމާލޭ ތެރޭގައި އަޅުގަނޑުމެންގެ މެރިން ޕޮލިސްގެ ޕްރެޒެންސެއް އޮންނާނެ ގާއިމުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ތިއްބަވާ ފުލުހުންނަށް އެފަދަ އުޅަނދުތަކަށް ހާއްސަ ސަމާލުކަމެއްދޭން އިރުޝާދު ދީފައިވާނެ ކަމަށެވެ. އެގޮތުން، ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަނދަރުމަތި ބެލެހެއްޓުމާއި ކައިރީގައި އަޅާފައި ހުންނަ އުޅަނދުތަކާއި ސަފާރީތައް މޮނީޓާކުރަން އަންގާފައިވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

"ރަށްރަށުގައި ތިއްބަވާ ފުލުހުންނަށް ވެސް [ދެންނެވިން] އެ ބޭފުޅުން ޑެއިލީ ކުރައްވާ މަސައްކަތުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދީގެން ކުރައްވައްޗޭ، ބަނދަރު މަތި ބެލެހެއްޓުމާއި ކައިރީގައި އަޅާފައި ހުންނަ ސަފާރީތަކާއި އުޅަނދުތައް އެ ތަންތަނަށް އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން ދާނަމަ އެ އެއްޗެހި ޗެކު ކުރުމާ މި ކަންތައްތައް،" ކޮމިޝަނަރު ވިދާޅުވިއެވެ.

ފުލުހުން ބަނގުރާ ފުޅިތަކެއް ނައްތައިލަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޝުޖާއު ވިދާޅުވީ، މި މައްސަލަ ހައްލުކުރަން އެންމެ މުހިއްމީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދައި، އެ މީހުން އަތުލައިގަތުން ކަމަށެވެ.

ފުލުހުންނަށް ލިބިފައިހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން މިހާރު ވެސް އެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ކޮމިޝަނަރު ޝުޖާއު ވިދާޅުވީ، މުޖުތަމައު ރަލާއި މަސްތުވާތަކެތިން ސަލާމަތްކުރުމަށް އެ މީހުންނަށް ރީޗުވުން ވަރަށް މުހިއްމު ކަމަށެވެ.

"މީގައި އޮތް އެންމެ ނުރައްކާތެރި ގްރޫޕަކީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުން. އެހެންވީމާ އެ މީހުން ހޯދައި، އެ މީހުންނާ ހިސާބަށް ރީޗްވުމަށްޓަކައި އަޅުގަނޑުމެންގެ ހުރިހާ ރިސޯސަސް ބޭނުންކޮށްގެން އަޅުގަނޑުމެން މި ކުރާ މަސައްކަތް ހަމަ އިތުރަށް ހަރުދަނާކޮށްގެން ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވިއެވެ.

ރާ އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދޭތެރެއަކުން އޮޕަރޭޝަންތައް ވެސް ހިންގައެވެ.

comment ކޮމެންޓް