ދަތުރެއްގައިވުމާއި ބަލިވުމާއި އަދި ޙައިޟު ނިފާސްވުންފަދަ ޝަރުޢީ ޢުޛުރެއްގެ ސަބަބުން ނުވަތަ އެފަދަ ޢުޛުރަކާނުލައިވިޔަސް، ގެއްލިފައިވާ ފަރުޟު ރޯދަ އެހެން ދުވަސްތަކެއްގައި ހިފުން ވާޖިބުވާނެއެވެ. (ބަޤަރާ: 185) އުއްމަތުގެ އިމާމުން އިއްތިފާޤުވެފައިވާ ގޮތުގައި، ޤަޟާކުރަންޖެހިފައިވާ ރޯދަ، އަނެއް އަހަރުގެ ރަމަޟާންމަސް އައުމުގެކުރިން ހިފައި ނިންމަންޖެހޭނެއެވެ. ރޯދަ ހިފުން މަނާދުވަސްތައްފިޔަވައި، އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ޤަޟާ ރޯދަ ހިފޭނެއެވެ. ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާގޮތުގައި؛ "އެ ކަމަނާ ޤަޟާ ކުރަންޖެހިފައިވާ ރޯދަ ނުހިފި، ޝަޢުބާންމަހާ ހަމައަށް ލަސްވެގެންދެއެވެ."(ބުޚާރީ: 1950)
ޤަޟާކުރުން ވާޖިބުވާ ރޯދައެއް ނުވަތަ ރޯދަތަކެއް ނުހިފައި ހުއްޓައި އަނެއް ރޯދަމަސް އަތުވެއްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ މިގޮތަށް ދިމާވެދާނެ ދެ ޙާލަތެއްވެއެވެ.
ފުރަތަމަ ޙާލަތަކީ: މުޅި އަހަރު ބަލިވެ އުޅުންފަދަ މަޤުބޫލު ޢުޛުރެއްގެ ސަބަބުން، އަނެއް ރޯދަމަސް އައި އިރުވެސް ރޯދަތައް ޤަޟާނުކުރެވި އޮތުމެވެ. މިޙާލަތުގައި ރޯދަ ފަސްވުމަކުން އޭނާ ފާފަވެރިއެއްނުވާނެއެވެ. ސަބަބަކީ އެއީ ޢުޛުރުވެރިއެއްކަމުގައިވުމެވެ. އޭނާއަށް އޮތީ އަނެއްކާވެސް އަހަރުގެތެރޭގައި ރޯދަ ހިފަން ކުޅަދާނަވެއްޖެނަމަ އެ ރޯދަތައް ހިފައި ހަމަކުރުމެވެ. އިތުރުކަމެއް ކުރާކަށްނުޖެހޭނެއެވެ.
ދެވަނަ ޙާލަތަކީ: ރަމަޟާންމަހު ގެއްލިފައިވާ ރޯދަ ފަހުން ހިފުމުގެ ކުޅަދާނަކަން ލިބިފައި އޮވެމެ، މަޤުބޫލު ޢުޛުރަކާނުލައި އެ ރޯދަތައް ނުހިފައި އަނެއް ރޯދަމަހާ ހަމައަށް ލަސްކުރުމެވެ. މިޙާލަތުގައި އެގޮތަށް ކަންތައްކުރިމީހާ ފާފަވެރިވާނެއެވެ. އަދި އެފަދައިން ލަސްކުރި މީހާވެސް އޭނާގެ ރޯދަތައް ފަހުން ޤަޟާކުރުން ވާޖިބުވާނެއެވެ.
ޢުޛުރަކާނުލައި، ރޯދަ ހިފުން އަނެއް ރޯދަމަހާ ހަމައަށް ލަސްކުރިމީހާ އެ ރޯދަތައް ޤަޟާކުރުމާއެކު ފިދްޔަ ދޭންޖެހޭނެތޯ ނުވަތަ ނޫންތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ.
މާލިކީ ޝާފިޢީ އަދި ޙަންބަލީ މަޛުހަބުގައިވާގޮތުން، އޭނާގެ ރޯދަ ޤަޟާކުރުމާއެކު ފިދްޔަ ދޭންޖެހޭނެއެވެ. އެއީ ކޮންމެ ރޯދައަކަށް މިސްކީނަކަށް މުއްދެއް (ގާތްގަނޑަކަށް 650 ގުރާމު) ގެ މިންވަރު ކާންދިނުމެވެ. މިބޭފުޅުންގެ ދަލީލަކީ މިކަމާބެހޭގޮތުން އަބޫހުރައިރާއާއި އިބުނު ޢައްބާސްފަދަ ބައެއް އަޞްޙާބުންގެ އަރިހުން ވާރިދުވެގެންވާ އަޘަރުތަކެވެ.
ޤަޟާކުރަންޖެހިފައިވާ، ރަމަޟާން މަހުގެ ރޯދަ ނުހިފައި ހުއްޓައި އަނެއް ރޯދަމަހާ ބައްދަލުވިމީހަކާ ބެހޭގޮތުން އިބުނު ޢައްބާސްއާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. "މި ރަމަޟާންމަހުގެ ރޯދަ އޭނާ ހިފާށެވެ. އަދި ކުރިން ޤަޟާކުރަންޖެހިފައިވި ރޯދަ ހިފުމާއެކު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭށެވެ."(ބައިހަޤީ: 253/4)
އިބުނު ޙަޖަރުލްހައިތަމީ ވިދާޅުވިއެވެ. "ޤަޟާ ރޯދަ ހިފުމުގެ ކުޅަދާނަކަން ހުރެމެ، އެ ރޯދަ ނުހިފައި ހުއްޓައި އަނެއް ރޯދަމަހާ ބައްދަލުވިމީހާ، (އެ ރޯދަމަސް ނިމުމުން) އޭނާ ހިފަންޖެހިފައިވާ ރޯދަ ޤަޟާކުރުމާއެކު ފިދްޔަ ދޭންޖެހޭނެއެވެ. އެހެނީ ބައެއް އަޞްޙާބުން މިގޮތަށް ފަތުވާ ދެއްވާފައިވެއެވެ. އަދި އެބޭފުޅުންގެ ރައުޔާ ޚިލާފަށް އެހެން ބޭފުޅަކު ވިދާޅުވިކަން އެނގިވަޑައިގެންފައެއްނުވެއެވެ." މިޞްރުގެ ދާރުލްއިފްތާއިން 2011 ވަނަ އަހަރު ނެރުނު ފަތުވާގައިވެއެވެ. "ޖުމްހޫރުންގެ ރައުޔު ބިނާވެގެންވަނީ މާތްވެގެންވާ އަޞްޙާބުންގެ ފަތުވާގެ މައްޗަށެވެ. ބޮޑަށް ބުރަވެވޭގޮތުގައި، އަޞްޙާބުންގެ ފަތުވާ ބިނާވެފައިވާނީ ﷲ ތަޢާލާގެ ޝަރީޢަތާ އެއްގޮތަށެވެ. އެހެންކަމުން، މި މައްސަލައިގައި ޢަމަލުކުރުން އައުލާވެގެންވަނީ ޖުމްހޫރުންގެ ރައުޔަށެވެ."
އިމާމު އަބޫޙަނީފާ ދެކެވަޑައިގަންނަވާގޮތުގައި؛ ޢުޛުރަކާނުލައިވިޔަސް، ޤަޟާކުރަންޖެހޭ ރޯދަ އަނެއް ރޯދަމަހާ ހަމައަށް ލަސްކުރިމީހާއަށް ވާޖިބުވާނީ ހިނގަމުންދާ ރޯދަމަސް ނިމުމުން، ކުރިން ގެއްލިފައިވާ ރޯދަތައް ހިފުމެވެ. ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭކަށްނުޖެހޭނެއެވެ. އެއީ ރޯދަމަހު ދޫކޮށްލި ރޯދަ އަލުން ހިފުމަށް އެންގެވި އާޔަތުގައި، އެ ރޯދަ ހިފުމުގެ އިތުރުން އެހެން ކަމެއްކުރުމަށް އަންގަވާފައިނުވާތީއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ (ބަޤަރާ: 185) "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ."
އިސްވެދިޔަ ދެރައުޔުގެތެރެއިން އިމާމުލްބުޚާރީ އިޚްތިޔާރުކުރައްވާފައިވަނީ ދެވަނަ ރައުޔެވެ. އިބުނު ޙަޒުމާއި ޝައުކާނީއާއި އިބުނު ޢުޘައިމީނުވެސް އިޚްތިޔާރު ކުރައްވަނީ މި ރައުޔެވެ. ޢުޘައިމީން ވިދާޅުވިއެވެ. "ޤަޟާކުރަންޖެހިފައިވާ ރޯދަ އަނެއް ރޯދަމަހާ ހަމައަށް ފަސްކުރިމީހާ، އެ ރޯދަ ހިފުމާއެކު ފިދްޔަ ދޭންޖެހޭނެކަމަށް ބުނުމަކީ ޤުރުއާނުން ފާޅުކޮށް ފެންނާން އޮތް މާނައާ ތަޢާރުޟުވާ ކަމެކެވެ. ގެއްލުނު ރޯދަ އަލުން ހިފުމާއެކު އެހެން ކަމެއް ކުރުމަކަށް ﷲ އަންގަވާފައެއްނުވެއެވެ. ޝަރީޢަތުގެ ކަމެއް ލާޒިމުކުރެވޭނީ އެކަމަކަށް ދަލީލެއް އޮތްނަމައެވެ. އިބުނު ޢައްބާސްއާއި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވާ އަޘަރުގައި، ފިދްޔަ ދޭންޖެހޭނެކަމަށް އެވަނީ މުސްތަޙައްބު ޙުކުމުގައިކަމަށްވުން އެކަށީގެންވެއެވެ. ނަމަވެސް އެއީ ވާޖިބުގެ ޙުކުމުގައިވާ ކަމެއްނޫނެވެ."
ޢުޛުރަކާނުލައި، ރޯދަ ޤަޟާނުކޮށް އަނެއް ރޯދަމަހާ ހަމައަށް ލަސްކުރިމީހާ ފާފަވެރިވާނެއެވެ. ވުމާއެކު އޭނާ ކުޅަ ފާފައަށްޓަކައި ތައުބާވާންޖެހޭނެއެވެ. ތައުބާވުމަކީ ކުރެވުނު ފާފައަށް އިޢުތިރާފުވެ، އެކަމާމެދު ދެރަވެ ހިތާމަކޮށް އަލުން އެކަން ނުކުރުމަށް ޢަޒުމު ކަނޑައެޅުމެވެ. އޭރުން އެ ކުރެވުނު ފާފަ ﷲ ތަޢާލާ ފުއްސަވައިދެއްވާނެއެވެ.(ޒުމަރު: 53)
ރަމަޟާންމަހު ދޫކޮށްލާ ރޯދަ އެހެން ދުވަސްތަކެއްގައި ހިފާ ހަމަކުރުން ވާޖިބުވާނެއެވެ. މަޤުބޫލު ޢުޛުރަކާލައިގެންމެނުވީ، ޤަޟާކުރަންޖެހޭ ރޯދަ ހިފުން އަނެއް އަހަރުގެ ރަމަޟާންމަހާ ހަމައަށް ފަސްކޮށްގެންނުވާނެއެވެ. އެއީ ފާފަވެރިވާނޭކަމެކެވެ. އެފަދަމީހާ ރޯދަ ޤަޟާކުރުމާއެކު ފިދްޔަ ދޭންޖެހޭނެކަމަށް ޖުމްހޫރުން ވިދާޅުވެއެވެ. ވީމާ، ރޯދައެއް ޤަޟާކުރަންޖެހިފައިވާމީހާ ލަސްނުކޮށް އެ ރޯދަ ހިފުމަށް އަވަސްވެގަންނާށެވެ. 1445 ވަނަ އަހަރުގެ ރަމަޟާންމަސް ފެށެން ބާކީ އޮތީ މަހަކާއި ދުވަސްކޮޅެކެވެ!