އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ހުއްޓާލުމަށް ފީފާ އާއި އޭއެފްސީން އެންގި އެންގުމާ ޚިލާފުވެވެން ނޯންނާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
މިހާރު އެފްއޭއެމުން ކުރިއަށްގެންދާ އިންތިޚާބުގެ މަސައްކަތްތައް ހުއްޓާލައި، އާ ފެށުމަކުން މަސައްކަތް ފެށުމަށް ފީފާ އާއި އޭއެފްސީން ވަނީ އެފްއޭއެމަށް އަންގައިފައެވެ.
އެ އެންގުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، "ތިބޭފުޅުންނަށް ވެސް އެނގެން ވާނެ އެފްއޭއެމްއަކަށް ފީފާ ނުވަތަ އޭއެފްސީގެ އެންގުމަކާ ޚިލާފު ނުވެވޭނެކަން،" ކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް)ގެ ކެންޑިޑަސީ ބާތިލުކުރަން އިލެކްޓޯރަލް ކޮމިޓީން ނިންމުމާއެކު، އެޕީލްސް ކޮމިޓީއެއް ނެތުމުން އެ މައްސަލަ އޭނާގެ ފަރާތުން ވަނީ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން އެކަމާ ގުޅޭގޮތުން ލަފައެއް ހޯދުމަށް އެފްއޭއެމުން ވެސް އެދުނެވެ.
ފީފާ އާއި އޭއެފްސީން އެފްއޭމަށް ޖަވާބުގައި އަންގާފައިވަނީ މިހާރު އިއުލާންކޮށްފައިވާ އިންތިޚާބުގެ ކަންކަން ކެންސަލް ކުރުމަށާއި, އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލްސް ކޮމިޓީ އިންތިހާބުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކޮންގްރެސްއެއް ބޭއްވުމަށާއި، ކޮމިޓީތަކަށް އިންތިޚާބުކުރެވޭ ފަރާތްތަކަކީ އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ބޭފުޅުންކަން ކަށަވަރުކުރުމަށް އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން އާ އިންތިޚާބަކަށް ގޮވައިލުމަށެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފީފާ އާއި އޭއެފްސީގެ އެންގުމާ ގުޅިގެން އަންނަ ބުދަ ދުވަހު ބާއްވާ އެ އިދާރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ގޮތެއް ނިންމައި، އެކަން އަންގައި އިއުލާންކުރާނެ ކަމަށެވެ.
މިމަހުގެ 31ގައި ބާއްވަން އިއުލާންކުރި އެފްއޭއެމްގެ އިންތިޚާބުގައި މައްސަލަތަކެއް ކުރިމަތިވީ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ސިޓީ ބާތިލުކުރުމުންނެވެ. އެއާއެކު ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުން އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ ޓޮމްގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.
އެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަން ޓޮމްގެ އިތުރުން ފޯމު ހުށަހެޅުއްވީ މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުފާވިޒް ހާޝިމް (މުފާ) އެވެ.