އެފްއޭއެމްގެ އިންތިޚާބުގެ މަސަައްކަތް ހުއްޓާލައި، އާ ފެށުމަކުން ފެށުމަށް އަންގައިފި

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް

މިހާރު އެފްއޭއެމުން ކުރިއަށްގެންދާ އިންތިޚާބުގެ މަސައްކަތްތައް ހުއްޓާލައި، އާ ފެށުމަކުން މަސައްކަތް ފެށުމަށް ފީފާ އާއި އޭއެފްސީން އަންގައިފިއެވެ.

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް އެގޮތަށް އަންގާފައިވަނީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހުއެވެ.

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް އަންގާފައިވަނީ، މިހާރު ކުރިއަށްގެންދާ އިންތިޚާބުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށާއި، ކޮންގްރެސްއެއް ބާއްވާ އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިޚާބުކުރުމާއި، އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމަށް އަދި އޭގެ ފަހުން އެފްއޭއެމްގެ އިންތިޚާބުގެ ޕްރޮސެސް އާ ފެށުމަކުން ފެށުމަށެވެ. އޭގެ އިތުރުން ފީފާ އާއި އޭއެފްސީން އިންތިޚާބުގެ ހުރިހާ ހަރަކާތެއް ގާތުން ބަލަމުންގެންދާނެކަން ވެސް ވަނީ އަންގައިފައެވެ.

މިމަހުގެ 31ގައި ބާއްވަން އިއުލާންކުރި އެފްއޭއެމްގެ އިންތިޚާބުގައި މައްސަލަތަކެއް ކުރިމަތިވީ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ސިޓީ ބާތިލުކުރުމުންނެވެ. އެއާއެކު ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުން އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ ޓޮމްގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.

ޓޮމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރި ނަމަވެސް، އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތަށް އެފްއޭއެމުން އެޕީލް ކޮމިޓީއެއް އެކުލަވައިލައިފައި ނުވުމުން، މައްސަލަ ބަލައި ޓޮމްއަށް ޖަވާބުދޭން ޖެހޭ މުހުލަތުގައި އެ އިދާރާއަށް ޖަވާބު ދެވިފައެއް ނުވެއެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ މައްސަލަ ޓޮމްގެ ފަރާތުން ވެސް ވަނީ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފައެވެ. ޓޮމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިންތިޚާބަށް ހުޅުވައިލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން ނުވަ ކުލަބުގެ ތާއީދާއެކު ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުން ހިމެނެއެވެ.

އަދި އެއީ ކުލަބު ވެލެންސިއާގެ ދެ ސިޓީ ވެސް ސައްހަ ކަމަށް ނިންމައި، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް ކަމަށް އޭނާ މީގެ ކުރިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް ކަމަށް ފާހަގަކުރަމުން ޓޮމް ވިދާޅުވެފައިވަނީ މައްސަލަ އިސްތިއުނާފުކޮށްފައިވީ ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭ ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޓޮމް ފާހަގަކުރައްވާފައިވަނީ އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ ހަތަރުވަނަ މާއްދާގައި އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިޚާބުކޮށްގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އިންތިޚާބުކޮށްފައިވުމެވެ.

އެގޮތުން އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ ޖެހިޖެހިގެން ތިން ދައުރު ގަވާއިދާ ހިލާފަށް މެންބަރުކަންކޮށްފައިވާ ކަމަށާއި ވައިސް ޗެއާ އަހުމީމް އަބްދުއްރައްޒާގު އަދި އަބްދުﷲ އަލީ ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ޚިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާ ކަމަށް ޓޮމް ފާހަގަކުރެއްވިއެވެ.

ޓޮމްގެ މައްސަލަ ބެލުމަށްފަހު ފީފާ އާއި އޭއެފްސީން ނިންމާފައިވަނީ އެފްއޭއެމްގެ އިންތިޚާބުގެ އިލެކްޓޯރަލް ޕްރޮސެސް ސައްހަ ނޫންކަމާއި، މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް ބަލައިނުގަންނަ ކަމަށެވެ. އަދި އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ ނަގަންޖެހޭނީ އެއް ކޮންގްރެސްއިން ކަމާއި، އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އަމަލުކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް