އިރާގުގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންތަކެއް ޒަޚަމުވެއްޖެ

އިރާގުގައި ތިބޭ އެމެރިކާ ސިފައިން: އިރާގުގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި އެމެރިކާގެ ސިފައިންތަކަކަށް ވަނީ އަނިޔާވެފައި --

ބަޣuދާދު (22 ޖަނަވަރީ 2024): އިރާގުގެ އަލްއަންބާރު ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަށް އިރާގުގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެމެރިކާގެ ބައެއް ސިފައިންނާއި މުދައްރިބުންނާއި އަދި އޮފިސަރުން ޒަޚަމުވެ، އެ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެކަން އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ އިރާގުގެ ހަނގުރާމަވެރިން އައިނުލްއަސަދު އަސްކަރީ މަރުކަޒަށް ދިން ރޮކެޓް ޙަމަލާތަކުގައި އެމެރިކާގެ ބައެއް ސިފައިންނާއި މުދައްރިބުންނާއި އަދި އޮފިސަރުން ޒަޚަމުވެފައިވާ ކަމަށާއި އެ މީހުންނަށް އެމެރިކާގެ އަސްކަރީ ކްލިނިކެއްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"ސެންޓްކޮމް"އިން ބުނި ގޮތުގައި އެމެރިކާ ސިފައިންނަށް ލިބިފައިވާ އަނިޔާގެ މިންވަރު ދެނެގަތުމަށްޓަކައި އެ މީހުންގެ ފުލް މެޑިކަލް ޗެކަޕް ހަދަމުން އެބަގެންދެއެވެ.

އިރާގުގެ މީޑިއާ ބުނާގޮތުން އަލްއަންބާރު ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދިނީ އިރާގު ސަރުކާރަށް ތާއީދުކުރާ އަދި އިރާގު ސިފައިންގެ ރިޒާވް ފޯސްގައި ހިމެނޭ ހަތިޔާރުއެޅި ޖަމާއަތަކުންނެވެ. އެ ޖަމާއަތުން މަސައްކަތްކުރަނީ އެމެރިކާ ސިފައިން އިރާގުން ބޭލުމަށެވެ.

އެ ޖަމާއަތުން ފޮނުވާލި 15 މިސައިލް އެމެރިކާގެ އަސްކަރީ މަރުކަޒަށް އަރާފައިވާ ކަމަށާއި އެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މީގެ ތެރޭގައި ބައެއް މީހުންގެ ބޯފަޅައިގެން ދިޔުމައި އަނެއްބައި މީހުންނަށް ބޮޑެތި ޒަޚަމުތަކެއް ލިބުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާގުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒު ހުންނައިރު އެ ދެ ތަނުގައި ގާތްގަނޑަކަށް އެމެރިކާގެ 2500 ސިފައިން ތިބެއެވެ. މި 2500 ސިފައިންގެ ތެރޭގައި ހިމެނެނީ އިރާގު ސިފައިންނަށް ތަމުރީނު ދިނުމުގައި ހަރަކާތްތެރިވާ އެމެރިކާގެ މުދައްރިބުންނާއި އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިރާގު ސިފައިންނަށް ލަފައާއި މަޝްވަރާދޭ އެމެރިކާގެ އަސްކަރީ މުސްތަޝާރުންނެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ މަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުތަކަށް އެމެރިކާ ވާގިވެރިވެ އެހީތެރިވާތީ އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ގެންދަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަށް ތަކުރާރުކޮށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ދަތިތަކަކާއި އުނދަނގޫތަކެއް ކުރިމަތިވެފައިވާއިރު މި ހަަމަލާތަކުން އެމެރިކާ ސިފައިންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އިރާގުގެ ހަނގުރާމަވެރިން ބައެއް ފަހަރު އިސްރާއީލުގެ ބައެއް ސިޓީތަކަށް އަމާޒުކޮށް ވެސް ރޮކެޓް ހަމަލާތައް ދެއެވެ.

އިރާގުގެ ހަނގުރާމަވެރިން ދޭ މިފަދަ ހަމަލާތަކަށް އެމެރިކާ ސިފައިން ވަރަށް މަދުން ނޫނީ ރައްދު ނުދެއެވެ. އެއީ، އިރާގު ސަރުކާރު އެކަމާ ރުޅިއައިސްފާނެތީއެވެ. މިދިޔަ ޑިސެމްބަރު މަހު އެމެރިކާ ސިފައިން އިރާގުގެ ޖަމާއަތަކަށް ދިން ރައްދު ހަމަލާއެއްގައި އެ ޖަމާއަތުގެ އިސް ކޮމާންޑަރަކު މަރުވުމުން އިރާގު ސަރުކާރުން ވަނީ އެމެރިކާގެ އެ އަމަލާމެދު ނުރުހުން ފާޅުކޮށް އެއީ އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށް ސިފަކޮށްފައެވެ.

މިއާ އެކު އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔއާއުއްސޫދާނީ ވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ. އިރާގުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އިރާގުގައި ތިބުމަކީ މިހާރު އިރާގުގައި ހަމަނުޖެހުން އުފެދުމަށާއި އަމަން އަމާންކަން ގެއްލުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އިރާގުގެ ބޮޑުވަޒީރު ވަނީ އެމެރިކާ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް