އެންމެންގެ ސަމާލުކަން ނުވަ މަހުގެ ކްރޫޒް ދަތުރަށް!

މަޝްހޫރު ކްރޫޒް ލައިނާ ރޯޔަލް ކެރީބިއަންއިން ނުވަ މަހުގެ ދިގު ކްރޫޒް ދަތުރެއްް ފަށަން އުޅޭކަން އިއުލާން ކުރި ހިސާބުން ފެށިގެން އެތައް ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. މިހާރު އެންމެ ފަހުން ދަތުރު ފަށައިގެން ކުރިއަށް ގެންދާއިރު ތަފާތު ޑްރާމާތައް އާންމުވަމުން އެބަ ދެއެވެ. އެއާ އެކު މުޅި އިންޓަނެޓުގެ އެންމެ ބޮޑު ރިއެލިޓީ ޝޯއަކަށް ވެފައިވަނީ ކްރޫޒް ޑްރާމާއެވެ.

ރޯޔަލް ކެރީބިއަންގެ އަލްޓިމޭޓް ކްރޫޒް އަކީ މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ދިގު ކްރޫޒް ދަތުރެވެ. މެދުކެނޑުމެއް ނެތި ނުވަ މަސް ދުވަހު ބޯޓުގައި މީހުން ދިރިއުޅޭއިރު މި ދަތުރުގައި ދުނިޔޭގެ ހުރިހާ ބައްރަކަށް ޒިޔާރާތް ކުރާނެއެވެ.

މި ކްރޫޒް ދަތުރަށް އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު އެންމެންގެ މެދުގައި އުފެދިފައިވާ ސުވާލަކީ އެހާ ދުވަހު ކަނޑުމަތީގައި ދަތުރު ކުރާއިރު ފޫހިވާނެ ކަމާ މެދުގައެވެ. އަދި، ދާނެ ތަނެއް ނެތި ބޯޓެއްގެ ތެރޭގައި އެހާ ގިނަ ދުވަހު ދަތުރު ކުރާއިރު ދިމާ ވާނެ މީހުންގެ އަދަދުތައް ވެސް ލިމިޓު ވާނެއެވެ. ނަތީޖާއެެއްގެ ގޮތުން އެކި ކަހަލަ ޑްރާމާތައް އުފެދިގެން ދާނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.

އަދި، ކަންތައް ވަމުން ދަނީ ވެސް އެންމެން ހީކުރަމުން ދިޔަ ގޮތަށެވެ. ގާތްގަނޑަކަށް 50،000 ޑޮލަރު މީހަކަށް އަރާ މި ދަތުރު ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވަނީސް ތަފާތު އެކި ކަހަލަ ޑްރާމާތައް ފެންމަތިވާން ވަނީ ފަަށާފައެވެ.

މި ހުރިހާ ކަމެއް އެންމެ ގަދައަށް ފެންނަމުން ދަނީ ޓިކްޓޮކުންނެވެ. ޓިކްޓޮކުގައި އެތައް ބަޔަކު އަންނަނީ ބޯޓުގެ ތެރެއިން ދަތުރުގެ ވާހަކަތައް ކިޔައިދެމުންނެވެ. އަދި، މިކަން ވެފައިވަނީ ރިއެލިޓީ ޑްރާމާއަކަށެވެ.

މުޅި ބޯޓު ތެރޭގައި އަބަދު އަޑުގަދަކޮށް މިއުޒިކް ޖަހާފައި ހުރުމާއި ދުވަސްވީ މީހުންގެ ފަރާތުން އެކި ކަހަލަ އުނދަގޫތައް ވުމާއި މި ނޫން ވެސް އެކި ކަހަލަ ޑްރާމާތައް އަންނަނީ ބޯޓުގެ ތެރެއިން ފެންނަމުންނެވެ. އަދި، ޓިކްޓޮކް ޔޫޒަރުންނަށް މިވަރު ޑްރާމާއެއްް ނުފެނެއެވެ.

ގާތްގަނޑަކަށް 2،000 އާ ގާތް ކުރާ އަދަދަކަށް މީހުން ތިބި މި ކްރޫޒް ލައިނާ ވަނީ ދާދި ފަހުން އެންޓާކްޓިކާ ހުރަސްކޮށްފައެވެ. އަދި މި ދަތުރުގައި ޖުމްލަ 60 ގައުމަކަށް މަޑުކޮށް އެ ސަރަހައްދުތަކަށް ފޭބުމުގެ ފުރުސަތު ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.

comment ކޮމެންޓް