ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ލޯފަން މީހުންނަށް އެހެން މީހެއްގެ އެހީއާ ނުލައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.
ލޯފަން މީހުންނަށް އަމިއްލައަށް ބޭނުންކުރެވޭ ޕްލާސްޓިކު ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން އެތެރެ ފެންނަ ގޮތައް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ.
މި ޓެމްޕްލޭޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ކަނޑާފައި ހުންނަ އިރު، އަތްލުމުން އިހުސާސްވާނެ ފަދައިން ކެންޑިޑޭޓު ނަންބަރު ވެސް ހިމަނާފައިވެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ލޯފަން މީހުންނަށް މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަތަރެއްގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ރަޖިސްޓްރީ ކުރުމަށް ގުޅާނީ ހޮޓްލައިން 1414އަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ، ރަސްމީ ދުވަސްތަކުގައި ހޮޓްލައިންއިން ޚިދުމަތްދޭނީ ހެނދުނު 8:00އިން ރޭގަނޑު 10:00އަށް ކަމަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޚިދުމަތްދޭނީ ހެނދުނު 9:00އިން ރޭގަނޑު 10:00އަށް ކަމަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00އިން ހަވީރު 6:00އަށް 1414 އިން ޚިދުމަތް ދޭނެ ކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާއާ ދިމާވާ އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މި މަހުގެ 10ވަނަ ދުވަހު އީސީން ވަނީ އާންމުކޮށްފައެވެ. އެ ރަޖިސްޓަރީއަށް ޝަކުވާ ބަލައިގަތުމުގެ ސުންގަޑި މިއަދު ވަނީ ހަމަވެފައެވެ.
އެ ޝަކުވާތަކާ ގުޅިގެން އީސީން ގެންނަ ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30ގައި ހުޅުވާލާނެއެވެ.
ލޯފަން މީހުންނަށް މިނިވަންކަމާ އެކު ވޯޓު ލެވޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފު ކުރި ޓެމްޕްލޭޓް ބޭނުން ކޮށްގެން އެންމެ ފުރަތަމް ވޯޓު ލާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ.
ލޯފަން މީހުން އިންތިޚާބުތަކުގައިލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެންބަރުން ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް މީގެ ކުރިން ބައްދަލު ކޮށްފައެވެ.
ރާއްޖޭގައި ލޯފަން މީހުން މިނިވަންކަމާ އެކު އަލަށް ވޯޓު ލީއިރު، ލޯފަން މީހުން ވޯޓުލުމަށް ޓެމްޕްލޭޓެއް ބޭނުންކުރުމަކީ ބޭރު ގައުމުތަކުގައި ވެސް ބޭނުންކުރާ އުސޫލެކެވެ.