އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުން ނުވަތަ ފަހު 16 ޓީމުގެ ބުރުން ސެނެގާލް ޖާގަ ހޯދީ ގްރޫޕް ސީގައި ކެމެރޫން އާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެންނެވެ. މިއާއެކު ސެނެގާލްއިން މި ވަނީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފައެވެ.
ސެނެގާލްއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ކެމެރޫންއިން ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ ކޮށެެވެ. މި މެޗު ވެގެން ގޮސްފައިވަނީ ދެ ޓީމަށް ވެސް ހަމަލާ ވަރަށް މަދުން އުފެއްދުނު މެޗަކަށެވެ. އަދި ދެ ޓީމުންވެސް ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާ ހުރިހާ ހަމަލާއެއް ވަނީ ލަނޑަކަށް ވެފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގައިފައި ވަނީ ސެނެގާލްއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމައިލާ ސާއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވިފައެެއް ނުވެއެވެ.
މި މެޗުގައި ސެނެގާލްގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ހަބީބް ޑިއާލޯއެވެ. މި މެޗުގައި ކެމެރޫންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޮން ޗާލްސް ކަސްޓެލޭޓޯއެވެ. އަދި އެ ޓީމުގެ ޖޯޖް ކެވިން އެންކޫޑޫއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ. އަދި ސެނެގާލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭއެވެ.
މި ކާމިޔާބީއާއެކު ސެނެގާލްއަށް މިހާރު އުޅެނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގައެވެ. އަދި ފަހު މެޗުގައި ގިނީ އާއި ބައްދަލުކޮށް ބަލިނުވެ ސަލާމަތްވެއްޖެނަމަ ގްރޫޕްގެ އެއްވަނަ އެ ޓީމަށް ލިބިގެންދާނެއެވެ. އަދި ގިނީ އެ މެޗު ކާމިޔާބު ކޮށްފިނަމަ އެ ޓީމަށްވެސް ގްރޫޕްގެ އެއްވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ.
މި ގްރޫޕްގައި ގިނީ އާއި ގެމްބިއާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ގިނީއެވެ. މިއާއެކު ގިނީ މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު ދެވަނައިގައެވެ. މި ގްރޫޕުން ކެމެރޫން ދެވަނަ ބުރުން ދާކަމަށް ވާނަމަ ޖެހޭނީ ފަހު މެޗުގައި ގެމްބިއާ ތަފާތު ބޮޑުކޮށް ބަލިކޮށް ސެނެގާލް އާއި ގިނީ ބައްދަލުކުރާ މެޗުން ސެނެގާލް މޮޅުވޭތޯ ބަލަން ތިބޭށެވެ.
ކެމެރޫންއަށް ދެ މެޗުން މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.