އިރާގުގައި ހަރަކާތްތެރިވާ އެމެރިކާއިއާއި ގުޅިފައިވާ ސިފައިންގެ ލަޝްކަރު އިރާގުން ފޭބުމަށް އެ ގައުމުގެ ބޮޑު ވަޒީރު މުޙައްމަދު ޝިޔާޢު އަލް ސުދާނީ އަނެއްކާ ވެސް ގޮވައިލައްވައިފިއެވެ.
ސަރަހައްދީ ގޮތުން ބޮޑެތި ފިއްތުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އެމެރިކާއާއި ގުޅިފައިވާ ސިފައިންގެ ލަޝްކަރު ވީހާ ވެސް އަވަހަކަށް އެ ގައުމުން ފޭބުމަށް ސުދާނީ ވަނީ މީގެ ކުރިން ވެސް ވަނީ ގޮވައިލައްވައިފައެވެ.
ސުދާނީ އެގޮތަށް ގޮވައިލެއްވީ ސްވިޓްޒަލޭންޑުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އިގުތިސާދީ ފޯރަމްގައެވެ.
އިރާގުގެ ސަލާމަތަށާއި ހަމަޖެހުމަށް އެމެރިކާއާއި ގުޅިފައިވާ ސިފައިން އެ ގައުމުން ފޭބުން މުހިންމު ކަމަށާއި އެއާ އެއްވަރަށް ގުޅިފައިވާ ގައުމުތަކާއި އިރާގައި ދެމެދު އޮތް ހަރުދަނާ ގުޅުން ދެމެހެއްޓުން ވެސް މުހިންމު ކަމަށް ސުދާނީ ވިދާޅުވިއެވެ.
ސިފައިން ފޭބުމަށް ސުދާނީ ގޮވައިލައްވައިފައިވަނީ އެމެރިކާގެ އަސްކަރީ ބާރުތަކުން އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެމެރިކާއިން އެ ހަމަލާދިނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އެ ޖަމާއަތްތަކުން ދޭ ހަމަލާތަކުގެ ރައްދުގައެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާ ފެށިފަހުން، އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން އަންނަނީ އިރާގުގައި ތިބި އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިންނަށް ހަމަލާތައް ދެމުންނެވެ. އެގޮތުން އޮކްޓޯބަރު 17 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 11 ވަނަ ދުވަހާ ދެމެދު އިރާގުގައި ތިބި ސިފައިންނަށް އަމާޒުކޮށް 53 ހަމަލާ އަދި ސޫރިޔާގައި ތިބި ސިފައިންނަށް އަމާޒުކޮށް 77 ހަމަލާ ހިމެނޭ ގޮތަށް ގާތްގަޑަކަށް 130 ހަމަލާ ދިން ކަމަށް ރިކޯޑުކޮށްފައިވާ ކަމަށް އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަންއިން ބުނެއެވެ.
އައިއެސްއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިރާގުގައި އެމެރިކާގެ 2,500 ސިފައިން ހަރަކާތްތެރިވެއެވެ. އަދި، ސޫރިޔާގައި ވެސް އެމެރިކާގެ 900 އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްއާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައިވަނީ 2014 ވަނަ އަހަރު އެ ޖަމާއަތުން އިރާގާއި ސޫރިޔާގެ ބިންތަކަށް އަތްގަދަ ކުރުމުންނެވެ.