ރަޖަބުމަހުގެ ހަތާވީސް ވިލޭރެޔަށާއި އެމަހުގައި ހިފާ ރޯދައަށް ވަކި ޚާއްޞަކަމެއް ލިބިގެންވާކަމަށް ޞައްޙަ މަގުން ސާބިތުވާކަށްނެތް -- ފޮޓޯ / އައުސަތު.ކޮމް

މިއީ ރަޖަބުމަހު ރޯދަ ހިފުމާބެހޭގޮތުން ކުރެވޭ ބައެއް ސުވާލެވެ. ރަޖަބު މަހުގެ 27 ވަނަ ދުވަހު ރޯދަ ހިފުމުން ޚާއްޞަ ޘަވާބެއް ލިބޭނެކަމަށް ވާރިދުވެގެންވޭހެއްޔެވެ؟ އެދުވަހުގައި ރޯދަ ހިފުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި ރަޖަބު މަހުގެ 27 ވިލޭރެޔަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްރާއާއި މިޢުރާޖު އަރާވަޑައިގެންނެވި ރޭކަމަށް ބުނާ ބުނުމަކީ ޞައްޙަ ބުނުމެއްހެއްޔެވެ؟

ޑރ. ޔޫސުފުލްޤަރްޟާވީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. އިސްރާއާއި މިޢުރާޖުގެ ރެޔަކީ ވަކި މިވެނި ރެއެއްކަން ޝަރުޢީގޮތުން ކަނޑައެޅިގެން އެނގޭކަށްނެތެވެ. އެހެންކަމުން އެއީ ރަޖަބު މަހުގެ 27 ވިލޭރެޔޭ ބުނުމީ ޞައްޙަ ބުނުމެއްނޫނެވެ. އަދި އެއީ ފަހަރެއްގައި އެރޭކަމަށްވިޔަސް އެކަމުގެ މުނާސަބަތުގައި ރަޖަބު މަހުގެ 27 ވަނަ ދުވަސް، އެހެން ދުވަސްތަކުގެ މައްޗަށް ޚާއްޞަކޮށް އެދުވަހު ރޯދަ ހިފުމީ ނަހީވެގެންވާ ބިދުޢަ އެކެވެ. އެހެނީ ﷲ އަށް ކުރެވޭ އަޅުކަމެއްނަމަ އެއީ ޝަރުޢީގޮތުން ސާބިތުވާ ކަމަކަށްވާންޖެހޭނެއެވެ. ސުންނަތް ރޯދަ ހިފަންވީ ދުވަސްތައް ބަޔާންވެގެންވެއެވެ. (އޭގެތެރޭގައި ރަޖަބު މަހުގެ 27 ވަނަ ދުވަހެއް ނުހިމެނެއެވެ.) ނަމަވެސް ރަޖަބު މަހުގެ 27 ވަނަ ދުވަސް ދިމާވަނީ ސުންނަތް ރޯދަ ހިފަން އޮންނަ (ހޯމަ ބުރާސްފަތި ފަދަ) ދުވަހަކާނަމަ، ސުންނަތް ރޯދައެއް ހިފުމުގެ ނިޔަތުގައި އެދުވަހު ރޯދަ ހިފުމަކުން މައްސަލައެއްނެތެވެ.

އެހެންމީހަކު ސުވާލުކުރިއެވެ. ރަޖަބު މަހާއި ޝަޢުބާން މަހުގައި އަހަރެމެން ވަރަށް ގިނައިން ރޯދަހިފައި އުޅެމުއެވެ. އެހެންނަމަވެސް އެއީ ސުންނަތުން ސާބިތުވާކަމެއްނޫންކަމަށާއި އެކަން އެގޮތަށް ކުރުން ހުއްދަނުވާނެކަމަށް އިމާމަކު ފަތުވާ ދެއްވައިފިއެވެ. އަދި ވިދާޅުވިއެވެ. "އަހަރުގެ އެހެން އެއްވެސް ދުވަހެއްގައި ސުންނަތް ރޯދަނުހިފާމީހަކު ހަމައެކަނި ރަޖަބާއި ޝަޢުބާން މަހު ރޯދަ ހިފުން ހުއްދައެއްނުވާނެއެވެ." ވީމާ، މިކަމުގެ ޝަރުޢީ ޙުކުމް ބަޔާންކޮށްދެއްވުން އެދެމެވެ.

އިސްވެދިޔަ ސުވާލުގެ ޖަވާބުގައި ޑރ. ނަޞްރު ފަރީދު މުޙައްމަދު ވާޞިލު ވިދާޅުވެފައިވެއެވެ. "އައްޞިޔާމު" ގެ (ލުޣަވީ) މާނައަކީ (ކަމަކުން ނުވަތަ ކަންތައްތަކަކުން) ދުރުވެގެން ހުރުމެވެ. ރޯދައަށް ހުރުމޭ ބުނެވޭ ބަހުގެ (އިޞްޠިލާޙީ) މާނައަކީ: އިރުއެރީއްސުރެ އިރު އޮއްސިއްޖައުމަށްދާން ނިޔަތާއެކު، ރޯދަގެއްލޭ އެންމެހައި ކަންތައްތަކުން ދުރުވެގެން ހުރުމެވެ. ރޯދަ ބެހެނީ ދެބަޔަކަށެވެ. އެއީ: ފަރުޟު ރޯދައާއި ތަޠައްވުޢުގެގޮތުން ހިފާ ރޯދައެވެ. ފަރުޟު ރޯދައިގެތެރޭގައި ހިމެނެނީ: ރަމަޟާންމަހުގެ ރޯދައާއި، ކައްފާރާ ރޯދައާއި، އަދި ނަދުރު ރޯދަ އެވެ. ތަޠައްވުޢު (ނުވަތަ ސުންނަތް) ރޯދައަކީ އަޅާ އެފަދަ ރޯދައެއް ހިފުމުން ޘަވާބު ލިބޭ އަދި އެފަދަ ރޯދައެއް ނުހިފިޔަސް ޢަޛާބު ނުލިބޭ ރޯދައެވެ. ތަޠައްވުޢުގެ ގޮތުގައި ރޯދަ ހިފުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިތްވަރު ދެއްވައި ބާރުއަޅުއްވާފައިވެއެވެ. އޭގެތެރޭގައި އަންނަނިވި ރޯދަތައް ހިމެނެއެވެ.

1. ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު ހިފާ ރޯދަ
2. ކޮންމެ ހަނދުމަހެއްގެ 15،14،13 ގައި ހިފާ ރޯދަ
3. ޝައްވާލު މަހުގެ 6 ދުވަހު ހިފާ ރޯދަ
4. މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ހިފާ ރޯދަ (ޢާޝޫރާ ދުވަހުގެ ރޯދަ)
5. ޛުލްޙިއްޖާ މަހުގެ ފުރަތަމަ 9 ދުވަހު ހިފާ ރޯދަ (މީގެތެރޭގައި 9 ވަނަ ދުވަހު ހިފާ ޢަރަފާތް ދުވަހުގެ ރޯދަ ހިމެނޭ)
6. ޝަޢުބާންމަހު ހިފާ ރޯދަ

ތަޠައްވުޢުގެ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވާ ދުވަސްތަކަށްބަލާއިރު، ރޯދަ ހިފުން މަނާކުރައްވާފައިވާ ދުވަސްތައްފިޔަވައި، އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ސުންނަތް ރޯދަ ހިފުމަކީ ޝަރުޢީގޮތުން ހުއްދަކަމެއްކަން އެނގެއެވެ. ރޯދަ ހިފުން މަނާކުރައްވާފައިވާ ދުވަސްތަކުގެތެރޭގައި: ދެޢީދު ދެދުވަހާއި، އައްޔާމުއްތަޝްރީޤު (އެބަހީ: ޛުލްޙިއްޖާ މަހުގެ 13،12،11 މި) ތިންދުވަހާއި، ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް ނުގުޅުވައި ހަމައެކަނި ހުކުރުދުވަހު ރޯދަހިފުމާއި، ހަމައެކަނި ހޮނިހިރު ދުވަހު ރޯދަހިފުމާއި، ޝައްކުގެ ދުވަހުގެ ރޯދަޔާއި، މުޅި އަހަރު އެއްކޮށް ރޯދަ ހިފުމާއި، އެއްދުވަހުގެ ރޯދަ ނުވީއްލައި އަނެއް ދުވަހަށް ދެމިގެންދާގޮތަށް ރޯދަ ހިފުން ހިމެނެއެވެ. ސުވާލުގައި އެވަނީ އެހެންމައްސަރެއްގައި ތަޠައްވުޢުގެ ރޯދަ ނުހިފައި ހަމައެކަނި ރަޖަބު މަހާއި ޝަޢުބާން މަހުގައި ރޯދަ ހިފުންކަމުގައިވިޔަސް އެއީ ޝަރުޢީގޮތުން ހުއްދަ ކަމެކެވެ. އެގޮތަށް ހިފާ ރޯދަޔަށް ﷲ ތަޢާލާ ޘަވާބު ދެއްވާނެތެވެ. އަހަރުގެ އެހެން އެއްވެސް ދުވަހެއްގައި ސުންނަތް ރޯދަ ނުހިފައި ހަމައެކަނި ރަޖަބު މަހާއި ޝަޢުބާން މަހު ރޯދަހިފުން ހުއްދަނުވާނެކަމަށް ބުނުމީ ޝަރުޢީގޮތުން ޞައްޙަ ބުނުމެއްނޫނެވެ.

ޚުލާޞާ:
އިސްރާއާއި މިޢުރާޖުގެ ރެޔަކީ ވަކި މިވެނި ރެއެއްކަން ޝަރުޢީގޮތުން ސާބިތެއްނުވެއެވެ. ވީމާ، ރަޖަބު މަހުގެ 27 ވިލޭރެޔަކީ އެރޭކަމުގައި ބުނުމީ ޞައްޙަ ބުނުމެއްނޫނެވެ. އަދި އެއީ ފަހަރެއްގައި އެރޭކަމަށްވިޔަސް އެކަމުގެ މުނާސަބަތުގައި ރަޖަބު މަހުގެ 27 ވަނަ ދުވަސް، އެހެން ދުވަސްތަކުގެ މައްޗަށް ޚާއްޞަކޮށް އެދުވަހު ރޯދަހިފުމީ އޮތްކަމެއްނޫނެވެ. ނަމަވެސް އެދުވަސް ދިމާވަނީ ސުންނަތް ރޯދަ ހިފާ ދުވަސްތަކުން ދުވަހަކާނަމަ ސުންނަތް ރޯދައެއް ހިފުމުގެ ގޮތުން އެދުވަހު ރޯދަ ހިފިދާނެއެވެ. އެހެން މައްސަރެއްގައި ސުންނަތް ރޯދަ ނުހިފާމީހާ، ހަމައެކަނި ރަޖަބު މަހު ނުވަތަ ޝަޢުބާން މަހު ސުންނަތް ރޯދަ ހިފުން އެއީ މައްސަލައެއްނޫނެވެ. ރޯދަ ހިފުން މަނާކުރައްވާފައިވާ ދުވަސްތައްފިޔަވައި، އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ސުންނަތް ރޯދަ ހިފޭނެއެވެ.

comment ކޮމެންޓް