ސެމްސަންގް ފަހަތަށް ޖައްސާލައި، ސްމާޓްފޯން މާކެޓްގެ އެންމެ އުހަށް އެޕަލް

އެޕަލްއާޢި ސެމްސަންގ އަކީ އެންމެ ވާދަވެރި ދެ ކުންފުނި --- ފޮޓޯ: ފޯބްސް

ދުނިޔޭގެ އެންމެ ގިނައިން ސްމާޓް ފޯން ވިއްކާ ކުންފުނީގެ މަގާމުގައި ސެމްސަންގް އޮންނަތާ ދެ އަހަރު ފަހުން، އެޕަލްއިން އެ މަގާމު އަތުލައިފިއެވެ.

އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ)އިން ބުނި ގޮތުގައި މިދިޔަ އަހަރަކީ، 2010 ވަނަ އަހަރަށް ފަހު އެޕަލްއިން ސެމްސަންގް ފަހަތަށް ޖައްސައި، އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 234.6 މިލިއަން އައިފޯން ވިއްކާފައިވާއިރު ސެމްސަންގުން ވިއްކީ 226.6 މިލިއަން ފޯނެވެ. އައިޑީސީން ބުނީ މިދިޔަ އަހަރު ސްމާޓްފޯން ވިއްކި މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 3.2 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

އައިޑީސީން ބުނީ އެޕަލްއަށް ހޯދި ކުރިއެރުމަކީ، ޗައިނާގައި އެ ބްރޭންޑާއި ސެމްސަންގާއި ވާވޭގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައިއާއި ޗައިނާގެ ރެގިއުލޭޓަރީ ޕްރެޝަރުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްމާޓްފޯން ވިޔަފާރި ދަށްވުން ފަދަ ގޮންޖެހުންތަކާ އެކުވެސް އެޕަލްއިން ހޯދި ކުރިއެރުމެއް ކަމަށެވެ.

ސްމާޓްފޯން މާކެޓުގައި އެންމެ މަގުބޫލު ބްރޭންޑްތަކުގެ ތެރޭގައި އެޕަލް އާއި ސެމްސަންގް ހިމެނެއެވެ. އެޕަލްއިން އެންމެ ފަހުން ނެރުނު ސްމާޓްފޯނަކީ އައިފޯން 15 އެވެ. ސެމްސަންގުން މިހާރު އަންނަނީ އެ ކުންފުނީގެ އާ އުފެއްދުންތައް ދައްކާލުމަށް "ގެލެކްސީ އަންޕެކްޑް"ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް